Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

އައްޑޫގެ ފުރަތަމަ ޓްވިން ސިޒޭރިއަން: މި ޓްވިންސް ކޮބާ؟

އިނގިރޭސިން އައްޑޫގައި ތިބި ދުވަސް ވަރަކީ އެދުވަސް ވަރުގައި އައްޑޫ މީހުންނަށް ސިއްޙީ ގޮތުން ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބުނު ދުވަސް ވަރެކެވެ. އެގޮތުން 6 ފެބްރުއަރީ 1971 ވަނަ ދުވަހަކީ އައްޑޫ ގައި ފުރަތަމަ ފަހަރަށް ސިޒޭރިއަން މެދުވެރި ކޮށް އެއްމާބަނޑު ދެ ބެއިން އުފަންވި ދުވަހެވެ.

މި ކަން ހިނގިތާ އެތައް އަހަރުތަކެއް ފަހުން، އާރުއޭއެފް ގޭން ރިމެމްބަރިންގ ނަމަކަށް ކިޔާ ފޭސްބުކް ގްރޫޕެއްގައި މި އޮޕަރޭޝަން ކުރި މެޑިކަލް ޓީމުގެ މެމްބަރެއްގެ ދަރިފުޅު ވަނީ މިކަން ހާމަ ކޮށްފައެވެ. އެގޮތުން ލީސާ ޝާޕް ވަނީ އޭނާގެ ބައްޕަ، ޓެރެންސް ކޮލިންގވުޑް، ނުވަތަ އާންމު ނަމުން ނަމަ ޓެރީ ނުވަތަ ޖޯރޑީ ވަނީ، ޓޭރީ ފޭސްބުކް ބޭނުން ނުކުރާތީ، އެދުވަހުގެ ފޮޓޯތައް އެ ގްރޫޕަށް ލުމަށް އޭނާގެ ކިބައިން އެދިފައި ކަމަށް ބުނެފައެވެ. އަދި ޚާއްސަ ކޮށް، އެދުވަހުގެ ހަނދާންތައް އަބްދުﷲ ޖަމާލް، ލެރީ ޑޮޑްސް އަދި ޖޯން ހޯލްމަން އާއި ހިއްސާ ކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެގޮތުން ލީސާ ލާފައިވާ ފޮޓޯތަކުން ފެންނަނީ އޭރު ގަމުގައި ހިންގަމުން ދިޔަ މެޑިކަލް ސެންޓަރުގައ މަސައްކަތް ކުރި މެޑިކަލް ޓީމާއި، އެދުވަހު އައްޑޫ އަށް ސިޒޭރިއަން މެދުވެރިކޮށް އުފަންވި އެއްމާބަނޑު ދެކުދިންނާއި، އެ ދެކުދިންގެ މަންމައެވެ. އަދި އެފޮޓޯ އިން ފެންނަ މީހުންގެ ތަފްސީލުވެސް ވަނީ ހިމަނާފައެވެ. މީގެ އިތުުރުން ގަމުގައި މަސައްކަތް ކުރި އިތުރު އިނގިރޭސި ސިފައިންގެ ފޮޓޯއެއްވެސް ވަނީ ހިއްސާ ކޮށް އެފޮޓޯގައިވާ މީހުންގެ ތަފްސީލުވެސް ޝާއިރު ކޮށްފައެވެ.

ލީސާގެ ޕޯސްޓުން ފާހަގަ ކޮށްލެވުނު އަނެއް ކަމަކީ، ސިޒޭރިއަން ހަދައިގެން ލިބުނު އެ ދެކުދިންގެ ވާހަކަ އިނގިރޭސި ނޫސްތަކަށްވެސް އަރާފައިވާ ކަމެވެ. އެގޮތުން، އެ އިނގިރޭސި ނޫހުގައި ލިޔެފައިވާ އެ ޚަބަރުގެ ފޮޓޯވެސް އޭނާ ވަނީ ގްރޫޕުގައި ހިއްސާ ކޮށްފައެވެ.

އެ ޚަބަރުގައި އޮތް ގޮތުން، ރޯޔަލް އެއަރ ފޯސްގެ މެޑިކަލް ޓީމުގެ ނަރުހެއްގެ ގޮތުގައި ހަރަކާތްތެރިވި މެމްބަރެެއް ކަމަށްވާ، ބެލިނގްޓަނަށް ނިސްބަތްވާ ކޯޕަރަލް ޓެރެންސް ކޮލިންގވޫޑް ވަނީ ގަމުގައި ސިޒޭރިއަން ހަދައިގެން އެއްމާބަނޑު ދެ ކުދިން ވިއްސާފައެވެ. މި އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުރީ ގަމުގެ ސީނިއަރ މެޑިކަލް އޮފިސަރ، ވިންގ ކޮމާންޑަރ ސިޑްނީ ގްރީންހަލްގެވެ.

އަދި އެ ދެކުދިންގެ މަންމަ އަކީ ގަމުގެ ޑިޕާޓްމެންޓް އޮފް އެންވަޔަންމެންޓްގައި މަސައްކަތް ކުރާ ދިވެއްސެއްގެ އަނބިމީހާއެވެ. އޭނާ ގަމަށް ވިއްސަން ގެނައީ ކައިރި ރަށަކުން ބޯޓަކުން ކަމަށްވެސް އެޚަބަރުގައި އޮތެވެ. އަދި މިއީ ގަމުގެ މެޑިކަލް ސެންޓަރުގައި ސިޒޭރިއަން ހަދައިގެން އެއްމާބަނޑު ކުދިން ވިއްސި ފުރަތަމަ ފަހަރު ކަމަށްވެސް އެޚަބަރުގައި އޮތެވެ.

މިއާއި އެއްކޮށް އެންމެން ވެސް އެނގެން ބޭނުން ވާނީ އައްޑޫގައި އަލަށް ސިޒޭރިއަން ހަދައިގެން ވިއްސި އެއްމާބަނޑު ދެކުދިން މިހާރު ކޮބައިތޯއެވެ.

މީގެ 49 އަހަރު ކުރިން ސ. ގަމުގައި އިމަޖެންސީކޮށް ސިޒޭރިއަން ހަދާފައިވަނީ ސ. މީދޫ ގްރީންވާދީ ފާޠިމަތު ދީދީ (ހިލާލާ) އެވެ. ހިލާލާއަށް ލިބުނު އެއްމާބަޑު ދެ ކުދިންނަކީ އިލްހާމް އާއި ހަސީބުއެވެ. މި ދެކުދިންނާއި ހިލާލާއްތަ އަދިވެސް ގަދަހާލުގައި ދުނިޔޭގައި އެބަތިއްބެވެ.

އެޙަބަރުގައި ވާ ގޮތުން، އޭރު ގަމުގައި ހުރި އިނގިރޭސިންގެ މެޑިކަލް ސެންޓަރުން މަހެއްގެ މައްޗަށް 1،200 މީހުންނަށް، ޚާއްސަ ކޮށް އަންހެނުންނާއި ކުޑަ ކުދިންނަށް ބޭސްފަރުވާގެ ޚިދުމަތް ފޯރު ކޮށްދެމުން ގެންދިޔައެވެ. އަދި ކޮންމެ މަހަކު 50 އަށް ވުރެ ގިނަ ދިވެހިންނަށް އެކި ކަހަލަ ސަރޖަރީގެ ޚިދުމަތް ފޯރު ކޮށްދެވުނެވެ.