Last Updated: June 23, 13:57
Monday, June 23, 2025
ޚަބަރު

އައްޑޫގައި އިކޯ ޓޫރިޒަމް ޒޯނުތައް ގާއިމުކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި އިކޯ ޓޫރިޒަމް ޒޯން ގާއިމް ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އިންޑިއާގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ.

އިކޯ ޓޯރިޒަމް ޒޯނުތައް ގާއިމް ކުރުމާއި ގުޅޭ އެމް.އޯ.ޔޫ ގައި ދިވެހި ސަރުކާރާއި، އިންޑިއަން ހައި ކޮމިޝަންއާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެވުނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

މި މަޝްރޫއުގެ އިމްޕްލިމެންޓިންގް އޭޖެންސީ އަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އެގޮތުން ޓެންޑަރިން، ޓެންޑަރ އިވޭލުއޭޝަން، ކޮންޓްރެކްޓް ހަވާލު ކުރުން، އަދި މަޝްރޫއު ހިންގަމުންދާ ގޮތް ބަލާ މޮނިޓަރ ކުރާނީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް. އައި. ސީ. ޑީ. ޕީ) ގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ 85 މިލިއަން ރުފިޔާ (5.5 މިލިއަން ޑޮލަރު) ގެ އެހީގެ ދަށުންނެވެ.

މި ގްރާންޓްގެ ދަށުން ހިންގޭ މިފަދަ 9 ހައި-އިމްޕެކްޓް މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން އައްޑޫ ގާއިމްކުރެވޭ ގޭދޮށު މަސް ޕްލާންޓްތަކުގެ ކޮންޓްރެކްޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި 9 މަޝްރޫ މޮބިލައިޒް ކުރުމަށް ބޭނުންވާ އެޑްވާންސް 28 ޖުލައި 2020 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ ގޮތުން ހަވާލުކުރެވިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހަ ކޮމިޝަނަރ ސަންޖޭ ސުދީރު ފާހަގަކުރެއްވި ގޮތުގައި މިފަދަ އެޗް. އައި. ސީ. ޑީ. ޕީ މަޝްރޫއު ތަކުގެ ފަހަތުގައިވާ ތިން އޮބްޖެކްޓިވެއްވާ ކަމަށާއި އެއީ ރަށު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރުވަނިވި ހައި-އިމްޕެކްޓް ވަސީލަތެއް ގާއިމްކުރުމާއި، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވާ ޒިންމާދާރު ކުރުވާ، ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ރަށުގެ އިގްތިސާދު ކުރިއެރުވުން ކަމަށެވެ.

އަދި އައްޑޫގައި ކުރިއަށް ގެންދެވޭ ޓޫރިޒަމް އަދި ފިޝަރީޒްގެ މި 8 މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުން ލިބި، ވަޒީފާގެ ބާޒާރަށް އިތުރު ފުރުސަތުތަކެއް ތައާރަފް ވާނެކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތި ވެފައިވާ ދަތިތަކާއި އެކުގައިވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އައްޑޫ ސިޓީ ކައުންސިލްއާއި ސަރުކާރުގެ އިތުރު މުއައްސަސާތަކުން މިފަދަ ތަރައްގީގެ މަޝްރޫއުތަށް ހުއްޓުމަކާއި ނުލާ ކުރިއަށް ގެންދިއުމަށް ކުރައްވާ އެންމެހާ މަސަކަތް ސަފީރު ފާހަގަކުރެއްވިއެވެ.