Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ލުބްނާންގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވަނީ

ލުބްނާންގެ ބޮޑުވަޒީރު ހަސަން ޑިއާބް މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހަފްތާގައި ލުބްނާންގެ ވެރިރަށް ބެއިރޫތްގައި ގޮވި ބާރުގަދަ ގޮވުމާއެކު އެގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އެ ގޮވުމުގައި 160 މީހުން މަރުވެފައިވާއިރު 6،000 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައެވެ.

މިއަދު ބޭއްވި ލުބްނާންގެ ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެގައުމުގެ ހެލްތު މިނިސްޓަރު ހަމަދު ހަސަން ވިދާޅުވީ މުޅި ސަރުކާރު މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ގައުމާ މުހާތަބު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވިކަން ބޮޑުވަޒީރު ވެސް އިއުލާން ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެއިރޫތްގައި ހިނގި އެ ހާދިސާއާއެކު އެގައުމުގެ ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ފާއިތުވި ދުވަސްތަކުގައި އެގައުމުގެ ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ގޮވުމުގެ ސީދާ ސަބަބު ދަނެގަނެވިފައިނުވި ނަމަވެސް، އޮފިޝަލުން ވަނީ ޕޯޓު ސަރަހައްދުގައި ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓަކީ ގޮވުމާއި ގުޅުން ހުރި ކެމިކަލެއް ކަމަށް ބުނެފައެވެ. މީގެ ހަ އަހަރު ކުރިން އެތަނުގައި ގުދަން ކުރި މި ބާރުގަދަ ކެމިކަލްގެ 2،700 ޓަން އެތަނުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުބްނާންގެ ބޮޑުވަޒީރު ކަމުގެ މަގާމާއި ޑިއާބް ހަވާލުވެ ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހު ކަމަށްވާއިރު މަގާމާއި ހަވާލުވުމުގެ ކުރިން އެގައުމަށް ގެންނަން އޭނާ ވައުދުވި ސިޔާސީ އަދި އިގްތިސާދީ ރިފޯމުތައް ގެނެވިފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލުބްނާންގެ ސިޔާސީ މަސްރަހަށް އަނެއްކާވެސް ބޮޑު ބަދަލެއް އަންނަން ތައްޔާރުވެފައިވާއިރު، އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ވެސް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން މިހާތަނަށް އެގައުމުން މި ބައްޔަށް ވަނީ 6517 މީހުން ޕޮޒިޓިވްވެ 78 މީހުން ވަނީ މަރުވެފައެވެ.