Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ޔުނައިޓެޑާއި އިންޓަ ސެމީ އަށް

ޔޫރޮޕާ ލީގުގެ ސެމީފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑާއި އިންޓަ މިލާން ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓާފައިނަލްގައި ޑެންމާކްގެ ކޯޕަންހޭގަންއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ޔުނައިޓެޑަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ކޯޕަންހޭގަންގެ ކީޕަރު ޖޯންސަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

90 މިނެޓް ހަމަވިއިރު ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ.

މުބާރާތުގެ ސެމީގައި ޔުނައިޓެޑް ބައްދަލުކުރާނީ ވުލްވްސް އާއި ސެވިއްޔާ އާއި ބައްދަލުކުރާ މެޗުން މޮޅުވާ ޓީމާކައެވެ.

އިންޓަ މިލާން ސެމީ އަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓާފައިނަލްގައި ބަޔާ ލެވަކޫސަންގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

އިންޓަ އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 15 ވަަނަ މިނެޓްގައި ބަރެއްލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އިންޓަގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ލެވަކޫސަންގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ މެޗުގެ 24 ވަނަ މިނެޓްގައި ކައި ހަވެޓްޒް އެވެ.

އިތުރު ގޯލެއް މި މެޗުގައި ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގައި ވެސް އިންޓަ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުބާރާތުގެ ސެމީގައި އިންޓަ ބައްދަލުކުރާނީ ޝަހްތަރު ޑޮނެޓްސްކް އާއި ބާސެލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.