Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ރަޝިޔާ އިން ކޮވިޑަށް ވެކްސިނެއް އުފައްދައިފި

ރަޝިޔާ އިން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދައިފިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިނެއް އުފެއްދުނުކަން އިއުލާން ކުރެއްވީ އެގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އެވެ.

"މިއަދު ހެނދުނުގެ ވަގުތެއްގައި މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ކޮވިޑާއި ދެކޮޅަށް ބޭނުން ކުރާނެ ވެކްސިނެއް ވަނީ ރަޖިސްޓަރ ކުރެވިފައި" ސަރުކާރުގެ މިނިސްޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާގެ ނަތީޖާތައް ވަރަށް ރަނގަޅު ކަމަށާއި ވެކްސިން ރަޖިސްޓަރ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޓެސްޓުތަކެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން މި ވެކްސިން އޭނާގެ ދަރިކަނބަލެއްގެ ގަޔަށް ޖަހާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ އަކީ މުޅި ދުނިޔެ އިން ވެސް މި ބައްޔާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކޮށް ރަޖިސްޓަރ ކުރި ފުރަތަމަ ގައުމެވެ. ނަމަވެސް ރަޝިޔާ އިން އުފެއްދި ވެކްސިނާއި މެދު ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތުން ވެކްސިނެއް ޓެސްޓު ކުރުމުގެ މަރުހަލާ އަށް ވެސް ގާތްގަނޑަކަށް ތިން މަސް ހޭދަވާއިރު އޭގެ ކުރިން ވެކްސިނެއް ރަޖިސްޓަރ ކުރުމުން ސުވާލު އުފެދޭ ކަންތައްތަކެއް މިކަމުގައި ހުރި ކަމަށް އެގައުމުތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ 20 މިލިއަނަށް އަރާފައިވާއިރު މި ބަލީގައި ދުނިޔެ އިން މިހާތަނަށް ވަނީ ގިނަ ބަޔަކު މަރުވެފައެވެ.