Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ބައިޑެންގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑެންގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހަމަޖައްސަވައިފިއެވެ.

ހެރިސް ވެގެން ގޮސްފައިވަނީ އެމެރިކާގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާއަށެވެ. ހެރިސް އަކީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވެސް ވާދަކުރެއްވި ފަރާތެކެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ތާއީދު ނުލިބުމުން ހެރިސް ވަނީ ވަކި ހިސާބަކުން ޕްރައިމަރީން ވަކިވެފައެވެ.

އުމުރުން 55 އަހަރުގެ ހެރިސް އަކީ އެމެރިކާގެ ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމާއި، އެގައުމުގެ ސެނެޓްގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

ރަނިން މޭޓަކަށް ހަމަޖެއްސުމާ ގުޅިގެން ހެރިސް ވިދާޅުވީ މިއީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށާއި އެމެރިކާގެ ރައީސް ކަމަށް ބައިޑެން ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ބައިޑެން އަކީ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަ ކުރުވައި އެގައުމުގެ އަލުން އާރާސްތު ކުރެވޭނެ ފަދަ ބޭފުޅެއް ކަމަށްވެސް ހެރިސް ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑެން ނިކުންނާނީ އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ.