Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް، ފޮޓޯ: ރާއްޖެއެމްވީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގެ ތަޅުމަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރައްވައި "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަމަށެވެ.

މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.

އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

މީގެކުރިން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުނު ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެއެވެ. އެކަމުގައި ވެސް އެންމެ އިސްކޮށް އުޅުއްވީ އާޒިމް ކަމަށް އަޑުތައް ފެތުރުނުއިރު އާޒިމް ވަނީ އެކަން ދޮގު ކުރައްވާފައެވެ.