Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ފައްޔާޒް ބޭރުކުރުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު؟!

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް ބޭނުންވާ 18 މެމްބަރަކު މިހާތަނަށް ސޮއިކޮށްފައިވާ ކަމަށް ޚަބަރު ލިބޭއިރު، މީގެ ތެރޭގައި އެންމެ ފުރަތަމަ ލިސްޓުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސޮއި ކަމަށް، މި ލިޔުން ފެނުނު ފަރާތަކާ ޚަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަން މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރައްވައި "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އިސްކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް އުޅުއްވައެވެ.

މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ އޭނާ ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.

އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

މިނިސްޓަރ ފައްޔާޒަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އޮންނަ ވަޒީރެއް ކަމަށް އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ވާހަކަ ދެކެވެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިިމް ވެސް އަދި ރައީސް ނަޝީދު ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.