Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

ނިޔާވިފަހުން އައިސޮލޭޝަނަށް ގެންދަން ގުޅުނު މައްސަލާގައި މައާފަށް އެދިއްޖެ

ކޮވިޑް-19 ގައި އިއްޔެ ރާއްޖެއިން ނިޔާވި މީހާ އައިސޮލޭޝަނަށް ގެންދަން ނިޔާވި ފަހުން ގުޅުނު މައްސަލާގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން މައާފަށް އެދިއްޖެއެވެ.

އިއްޔެ ނިޔާވި އުމުރުން 67 އަހަރުގެ އެ ފިރިހެން މީހާގެ އާއިލާގެ މީހަކު ޓުވިޓާގައި ބުނެފައިވަނީ، އެޗްޕީއޭއިން އެމީހާގެ ދަރިފުޅަށް ފޯނު ކުރީ، ނިޔާވި މީހާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދަނިކޮށް ކަމަށެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ނިޔާވި ފަހުން އެމީހާ އައިސޮލޭޝަނަށް ގެންދަން ގުޅުނު މައްސަލާގައި އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

އެގޮތުން އައިސޮލޭޝަނަށް ގެންދަން ގުޅިފައިވަނީ އެމީހާ ނިޔާވިތާ ބައިގަޑިއިރު ފަހުން ކަމަށާއި އުމުރުން ދުވަސްވީ މީހުން އައިސޮލޭޝަނަށް ގެންދިޔުމަށް ހާއްސަ އިސްކަމެއްދޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އިއްޔެ ނިޔާވި މީހާ އައިޖީއެމްއެޗަށް ގެންދެވުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި މިހާރު އައިޖީއެމްއެޗްގައި ބާއްވައިގެން ޓެސްޓުކޮށްފިނަމަ އެނގޭނެ ގޮތަށް ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ދެން" ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިއަދު ވެސް މީހަކު ނިޔާވެފައިވާއިރު، އެއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.