Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގަނީ

އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު މިއަދު ބޭއްވި ކޮންފަރެންސް ކޯލެއްގައެވެ.

މި މަޝްރޫޢުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކުރިއަށްގެންދަން ނިންމި މަޝްރުޢޫތަކެކެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

– 34 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުން
– އައްޑޫގެ ތަރައްޤީގެ މަޝްރޫޢު (މަގު ހެދުން، އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުން، ބިން ހިއްކުން)
– ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން
– ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
– ހުޅުމާލޭގައި 100 އެނދުގެ ކެންސަރ ހޮސްޕިޓަލެއް ގާއިމްކުރުން
– ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްޤީކުރުން
– ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުން

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެއެވެ.