Last Updated: April 23, 16:44
Tuesday, April 23, 2024
ޚަބަރު

އުސޫލާއި ޚިލާފަށް މާލެއިން ރަށަށް އައުން ހުއްޓުވުމަށް އިދާރާތަކުން ނުކުޅެދިފައި!

ރާއްޖޭގައި އެންމެ ގަދައަށް ކޯވިޑް-19 ފެތުރޭ މާލެ ސިޓީ އިން ބޭރަށް ފުރުމަށް އޮންނަނީ ޚާއްސަ އުސޫލުތަކެއް ހެދިފައެވެ. ނަމަވެސް އެ އުސޫލުތަކާއި ޚިލާފަށް މާލެއިން ފުރައިގެން ރަށްރަށަށް ދިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް މިއީ މުޅި ރާއްޖެއަށް ބަލި ފެތުރުމަށް ހުޅުވިފައި އޮތް ބޮޑު ދޮރެއް ކަމުން، މުޅި އާންމު ސިއްޙަތައް ވެސް އޮތް ނުރައްކަލެކެވެ.

މާލެ އިން ރަށްރަށަށް ފުރަން އަމަލު ކުރަން ޖެހޭ އުސޫލު
މާލެއިން ފުރައިގެން ރަށަށް އައުމުގައި ކުރިން އަމަލު ކުރަމުން އައި ގޮތާއި ޚިލާފަށް، މިހާރު އަމަލު ކުރަން ޖެހޭ ގޮތަކީ ފުރަން ބޭނުންވާ މީހާ އަމިއްލައަށް މޯލްޑިވިއަން މެދުވެރި ކޮށް ޓިކެޓު ނެގުމެވެ. އަދި އެއަށް ފަހު، ހާލު ބެލުން ޕޯޓަލްގައި ފުރަބަންދު ކަރަންޓީނަށް ރަޖިސްޓަރ ކުރުމެވެ. އެއާއެކު ކައުންސިލް ނުވަތަ އެސްއެސްޑީތަކުން ކަރަންޓީނު ވާތަން ބަލައި، އެތަނަކީ ކަރަންޓީނު ވުމަށް އެކަށީގެންވާ ތަނެއްތޯ ވެސް ބަލާނެއެވެ. އަދި ހާލު ބެލުން ޕޯޓަލް އިން އެޕްރޫވަލް ލިބި ލިޔުމެއް ލިބޭނެއެވެ. މި ލިޔުމަކީ ހޯމް ކަރަންޓީނު ވުމަށް ހުއްދަ ލިބުނު ކަން އަންގައިދޭ ލިޔުމެކެވެ.

މިލިޔުން ލިބުމުން، ފުރަން އޮންނަ ދުވަހު ފުރައިގެން އެމީހަކު ދާން އޮންނަ ރަށަކަށް ދެވޭނެއެވެ. އަދި ރަށަަށް ދެވުމުން، އެމީހަކު ކަރަންޓީނު ވާން ހަމަ ޖައްސާފައިވާ ގެއަކަށް ޓެކްސީ ނުވަތަ އަމިއްލަ އަށް ހަމަ ޖައްސާ އުޅަނދެއްގައި ގެއަަށް ދަނީއެވެ. ގެއަށް ދެވުމުން، އެހާ ހިސާބުން ކަރަންޓީނު ވެވުނީއެވެ. އަދި 14 ދުވަހުގެ ކަރަންޓީނު ހަމަކޮށް، ސާމްޕަލް ނަގައި ނެގެޓިވް ވުމުން ނޫނީ ގެއިން ނުވަތަ ކޮޓަރިން ބޭރަކަށް ނުދެވޭނެއެވެ. އަދި އެގޭގައި އުޅޭ އެހެން ބަޔަކަށް ވެސް ނުދެވޭނެވެ.

ޤަވާއިދާ ޚިލާފަށް އަމަލު ކުރާ މީހުން ކަން ކުރާ ގޮތް

އުސޫލު އޮތީ ވަކި ގޮތަކަށް ނަމަވެސް، ބައެއް ފަހަރު ކަން ހިނގަނީ އެހެން ގޮތަކަށެވެ. އެގޮތުން އުސޫލު ތަކާއި ޚިލާފަށް އަމަލު ކުރާ މީހުންނަށް އިދާރާތަކުން އޮންނަނީ އެކަން ކުރުމަށް މަގުފަހި ކޮށްދީފައޭ ދެންނެވުމަކުންވެސް ދޮގަކަށް ނުވާނެއެވެ. ފުރަން ބޭނުން މީހަކު ހާލު ބެލުން ޕޯޓަލްގައި ރަޖިސްޓަރ ނުކޮށް، އެއްވެސް އިދާރާއަކަށް އެންގުމެއް ނެތި، ކަރަންޓީނު ވާނެ ތަނެއް ހަމަޖެއްސުމެއް ނެތި، ފުރައިގެން ރަށްރަށަށް އެބަ ދެވެއެވެ. ބޭނުން ވަނީ ޓިކެޓެއް އެކަންޏެވެ. ޓިކެޓު ގަނެގެން އެއަރޕޯޓަށް ދިޔުމުން، ފްލައިޓަަށް އަރައި ފުރައިގެން ގޮސް ރަށަށް ދެވެއެވެ. ފްލައިޓަށް އެރުމުގެ ކުރިން ލިޔުން ހަމަތޯ ބެލުމެއް ނޯވެއެވެ. އަދި ފްލައިޓުން ފައިބާއިރު، މީހުން ރަށަށް އައިސްފައިވަނީ ލިޔުންތަށް ހަމަކޮށްގެންތޯ ބެލުމެއް ނޯވެއެވެ. މީހުން ޓެކްސީ އަށް އަރައިގެން، ނުވަތަ އަމިއްލަ އަށް ހަމަޖައްސާ އުޅަނދެއްގައި ގެއަށް ދަނީ އެވެ. ކަރަންޓީނު ވިތޯ، ނުވޭތޯ ބަލާނެ މީހެއްނެތި "ސިސްޓަމުން ގެއްލެނީ" އެވެ.

ޤަވާއިދާއި ޚިލާފުވުމުގެ ނަތީޖާ ރީއްޗެއް ނޫން!
ޤަވާއިދާއި ޚިލާފު ވުމަކީ ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް އޭގެ ނަތީޖާ އެހާ ރީއްޗެއް ނޫނެވެ. އެޗްޕީއޭގެ އުސޫލުތަކާއި ޤަވާއިދުތަކާއި ޚިލާފު ވުމަކީ ޤާނޫނީ އަދަބު ލިބޭ ކަމެކެވެ. އެގޮތުން ހައްޔަރު ކުރެވި، ހައްޔަރުގެ މުއްދަތު އިތުރު ކުރުމަށް ކޯޓުން ހުކުމް ކޮށް، ޝަރީއަތެއް ހިންގޭނެއެވެ. އަދި އެމީހެއްގެ ޕޮލިސް ރިކޯޑަށް މިކަން އެރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އެގޮތުން، މި ހަފްތާގެ ބުދަ ދުވަހުގެ ރޭ، އައްޑު އަތޮޅު ފޭދޫ އިން ވަނީ މިފަދަ މައްސަލައެއްގައި 35 އަހަރުގެ އަންހެނަކު ހައްޔަރު ކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މީގެ އިތުރުން، ޤަވާއިދާއި ޚިލާފު ވުމުން ގެއްލުން ލިބެނީ ތިމާއަކަށް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، ބަލީގެ ނުރައްކާ ތިމާ ލޯބިވާ އާއިލާ އަށާއި، ގާތް ތިމާގެ މީހުންނަށް ހުށައެޅެއެވެ. އަދި މުޅި މުޖުތަމައަށްވެސް ބަލީގެ ނުރައްކާ ބޮޑުވެ، މީހުންގެ ފުރާނައަށް ގެއްލުން ވުން އެކަށީގެން ވެއެވެ.

ޤަވާއިދާއި ޚިލާފަށް ފުރައިގެން ރަށަށް ގޮސް، "ސިސްޓަމުން ގެއްލުނު" ނަމަވެސް، ތިމާ ޤާނޫނުން ސަލާމަތް ވާނެ ކަމަށް ހީކޮށްގެން ނުވާނެއެވެ. ތިމާގެ މުޖުތަމައުން ތިމާގެ އަމަލުތަށް ކަމާއި ބެހޭ އިދާރާތަކަށް އަންގާނެ ކަން ދަންނަން ވާނެއެވެ. އަދި ތިމާގެ އަވަށްޓެރިންނާއި ގާތް ތިމާގެ މީހުންވެސް ތިމާގެ އަމަލުތަށް ރިޕޯޓު ކޮށްފާނެއެވެ. އަދި ކުރަން ވާނެވެސް މެއެވެ. ފަރުދީ ޒިންމާ އަކީ އެއީ އެވެ.

ހައްލަކީ ކޮބާ؟
އާންމު ސިއްޙަތަށް ބޮޑު ނުރައްކަލަކަށް ވެފައިވާ މި މައްސަލަ އަކީ ކޮންމެހެންވެސް ހައްލު ކުރަން ޖެހޭ ކަމެކެވެ. އަދި މިއީ ފަރުދީ ޒިންމާ އޭ ކިޔައިގެން ފަރު ޖައްސާލެވޭ ވަރުގެ ކަމެއް ނޫނެވެ. ހުރިހާ ފަރާތަކުންވެސް އެބައެއްގެ ޒިންމާ އަދާ ކުރުމަކީ މިބަލިން ރާއްޖެ ސަލާމަތް ވުމުގައި އެންމެ މުހިންމު ކަމެވެ. އެގޮތުން، މީހުން މާލެއިން ބޭރަށް ދަތުރު ކުރުމުގައި އަމަލު ކުރާ އުސޫލުތައް ހަރުދަނާ ކޮށް ބެލެހެއްޓުމަކީ ހުރިހާ އިދާރާތައް ގުޅިގެން ކުރަން ޖެހޭ ކަމެކެވެ. މީހަކު ހާލު ބެލުން ޕޯޓަލްގައި ފުރަން ދާނެ ކަމަށް ބުނެފައިވާ ދުވަހުގެ ކުރިއަށް އޭނާ ލިޔުން ހަމަކޮށްފައިވޭތޯ އެޗްޕީއޭ އިން ނުވަތަ ކައުންސިލުން ޔަޤީން ކުރަން ޖެހެއެވެ. އަދި ފުރަން ގޮސް ހުރި މީހާ އަކީ ލިޔުންތައް ހަމަ ކޮށްގެން ފުރަން ގޮސްފައި ހުރި މީހެއްތޯ މޯލްޑިވިއަން އިން ޔަޤީން ކުރަން ޖެހެއެވެ. އަދި ލިޔުންތައް ނެތް ނަމަ، އެމީހަކު ފްލައިޓަށް ނޭރުވުމަކީ ވެސް މޯލްޑިވިއަންގެ ޒިންމާއެކެވެ.

އެޗްޕީއޭ އިން ބުނަނީ ކައުންސިލްގެ ޒިންމާ ކަމަށް!
ކަން މިހެން އޮތް ނަމަވެސް އެޗްޕީއޭ ގެ ޖަވާބަކީ މިކަން ހުއްޓުވުމުގެ ޒިންމާ އޮތީ ކައުންސިލްގެ އަތް މަތީގައި ކަމަށެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން 'އައްޑޫލައިވް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "އުސޫލަކީ ހާލު ބެލުމުގައި (ޕޯޓަލްގައި) ރަޖިސްޓްރީ ވެގެން ޑޮކިއުމެންޓްސް ހޯދައިގެން ދިޔުން. ކޮންމެ ކަމެއްގަވެސް ސިސްޓަމް ތެރެއިން ލޫޕްހޯލް ހޯދާ މީހުން އުޅޭނެ" ކަމަށެވެ. އަދި "ލޫޕްހޯލް" ތެރެއިން ރަށްރަށަށް ފުރައިގެން ދިޔުން ހުއްޓުވުމަށް ކުރެވެނީ ކޮން ކަމެއްތޯ އެހުމުން ތަސްލީމާ ވިދާޅުވީ، އެއީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

ނަމަވެސް، ކައުންސިލްގެ ބޮލުގައި އެކަނި މި ޒިންމާ އަޅުވައިގެން އެހެން އިދާރާ ތަކުން މިޒިންމާއިން ރެކުމަކުން މި މައްސަލައަށް ހައްލެއް ނުލިބޭނެއެވެ. މިކަމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރެވޭނީ، ލިޔުން ނެތް މީހުންނަށް ފުރުން މަނާކޮށް، މޯލްޑިވިއަން އަށެވެ. އެގޮތުން ލިޔުން ނެތް މީހަކަށް ފްލައިޓަށް ނޭރޭނެ ކަން މޯލްޑިވިއަން އިން ކަށަވަރު ކުރާ ނަމަ، މީހުންނަށް "ލޫޕްހޯލް" ތަކުން ދެމިގަނެވޭ މިންވަރު ބޮޑުތަނުން މަދުވެގެން ދާނެއެވެ.

ރާއްޖޭގެ އެކި ހިސާބު ތަކަށް ކޯވިޑް-19 ފެތުރެމުން ދާއިރު، ސަރުކާރުން ބުނަމުން ދަނީ ކޯވިޑް-19 ރަށް ތަކުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް، ހޯމްކަރަންޓީން އުސޫލުތަކަށް ތަބާ ވުމަކީ ފަރުދީ ޒިންމާ އެއް ކަމުގައެވެ.