Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ބާސާ ލަދު ގަންނަވާލުމަށްފަހު ބަޔާން ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި މިރޭ ބާސެލޯނާގެ މައްޗަށް 8-2 އިން ކުރި ހޯދައި މުބާރާތުގެ ސެމީފައިނަލަށް ބަޔާން މިއުނިކު ދަތުރުކޮށްފިއެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި ޓީމަކުން 8 ގޯލު ކާމިޔާބުކުރި ފުުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 1951 ވަނަ އަހަރަށްފަހު ހަ ގޯލުގެ ތަފާތަކުން ބާސާ މެޗަކުން ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.

ބަޔާންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނެޓްގައި ތޯމަސް މުލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް 7 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު ބާސާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ 21 ވަނަ މިނެޓްގައި އިވާން ޕެރިސިޗްގެ ގޯލާއެކު ބަޔާން އިން މެޗުގެ ލީޑު އަލުން ނެގިއިރު އޭގެ ހަ މިނެޓް ފަހުން ސާޖް ގްނެބްރީ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މުލާ ވަނީ ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ބޮޑު ލީޑަކާއެކު ފުރަތަމަ ހާފް ބަޔާން އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ލުއިސް ސުއަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ބާސާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ބަޔާންގެ ފަސްވަނަ ގޯލު ކިމިޗް ކާމިޔާބުކޮށްދިންއިރު މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.

ބަޔާން އިން މި މެޗުގައި ކާމިޔާބުކުރި ފަހު ދެ ގޯލު މެޗުގެ ފަހު ފަސް މިނެޓްތެރޭ ކާމިޔާބުކޮށްދިނީ ލޯނެއްގެ ދަށުން ބާސާ އިން ބަޔާން އަށް ފޮނުވާލި ކުޓީނިއޯ އެވެ.

ތާރީހީ މޮޅަކާއެކު ބަޔާން މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައިވާއިރު، ސެމީގައި އެޓީމު ނިކުންނާނީ މެންޗެސްޓަރ ސިޓީ އާއި ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.