Last Updated: April 20, 11:32
Saturday, April 20, 2024
ޚަބަރު

ރައީސް ނަޝީދު ލިޔުއްވި "ދެރަދުން" ފޮތުގެ މައްޗަށް ކަޅިހިންގާލުމެއް!

ރައީސް ނަޝީދު ލިޔުއްވި "ދެރަދުން" ނެރެދެއްވަނީ، ފޮޓޯ: ސިމްވާ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު ލިޔުއްވި "ދެރަދުން" ފޮތާމެދު އަޅުގަނޑު ދެކޭ ގޮތުގެ މައްޗަށް ސީދާ ރިވިއުއަކަށް ނުވިޔަސް އެއްޗެއް ލިޔެލާން ގަސްދުކޮށްގެން ލިޔަން ފެށީމެވެ.

ރައީސް ނަޝީދު ލިޔުއްވާފައި އޮތް ފޮތެއްގެ މައްޗަށް ފާޑެއް ކިޔުމަކީ އަޅުގަނޑުގެ އިލްމު މަދުކަމާއި އެކަމަށް އަރައި އަރަފޯދިގެންވާ ކަމެއްކަމުގައި ނުވިކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ވޭތުވެދިޔަ މާޒީގެ މައްޗަށް ލިޔުއްވާފައިވާ ފޮތަކަށްވެފައި އެ ދާއިރާއަކީ އަޅުގަނޑަށް ނުހަނު ޝައުގުހުންނަ، މިހާރުވެސް މަސައްކަތްކުރަމުން އަންނަ ދާއިރާއަކަށް ވާތީ އަޅުގަނޑު އެފޮތާއި މެދު ދެކޭގޮތް ދަންނަވާލާހިތްވެފައި އޮތް ލެއް ބޮޑުކަމުން ކޮންމެވެސް އެއްޗެއް ލިޔެލީއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ފޮތެއް ހަމައެކަނި މަތިމަތިން ބަލާލުމަށްފަހު ނަމެއްގައި އެއްޗެއް ލިޔެ ނިންމާލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވާނެއެވެ. އެހެންކަމުން އަޅުގަނޑު ބެލީ އެކަމަށްޓަކައި ވަގުތު ހޭދަކޮށްގެން ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔުމަށްފަހު ފޮތުގެ ލިޔުންގަނޑުގެ މައްޗަށް އަޅުގަނޑުގު ޚިޔާލު ފާޅުކޮށް ލިޔާށެވެ. މިގޮތުން ފޮތް ކިޔަމުން ދިޔައިރު ފޮތުން އަޅުގަނޑަށް ފާހަގަކުރެވުނު ތަންތަން ފާހަގަކުރަމުން ގޮސް ފޮތް ކިޔައި ނިންމާލީމެވެ.

އެއަށްފަހު އަޅުގަނޑަށް ލިބިފައިވާ މައުލޫމާތާއި ފެންނަން ހުރި މަސްދަރުތަކުގެ އަލީގައި ބެލުމަށްފަހު އަޅުގަނޑަށް ފާހަގަކުރެވުނު ނުކުތާތައް ރައީސް ނަޝީދަށް ފޮނުވީމެވެ. ހަގީގަތަށް ދަންނަވާ ކަމަށްވާނަމަ އަޅުގަނޑު ފާހަގަކުރި ނުކުތާތަކަކީ ފޮތުގައި ލިޔުންގަނޑުގެ ތާރީޚީ އަގު ގެއްލޭވަރުގެ ނުކުތާތަކެއް ނޫނެވެ. އެފަދަ ކަންކަމަކީ އެކި ބޭބޭފުޅުންގެ ލިޔުމުގެ ވައްޓަފާޅިއާއި ބަހުރުވައިގެ ތަފާތުން ނުވަތަ ކަންކަން މިންކުރާ ގޮތުގެ ތަފާތުން ފާހަގަކުރެވޭ ކަންކަމެވެ. އަޅުގަނޑަށް ފާހަކަކުރެވޭ ކަމެއް އަނެކާއަށް އެއީ ފާހަގަކުރަންޖެހޭ ވަރުގެ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މިތަނުގައި އެގޮތަށް އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ނުކުތާތައް ހާމަކޮށްލާހުށީމެވެ.

މިގޮތުން ދެރަދުން ފޮތުގައި ކަލޭގެފާނުންނަށްވެސް ބައެއް ފަހަރު ކިލެގެފާނޭ ލިޔުއްވާފައި އެބަހުއްޓެވެ. އަޅުގަނޑު ގަބޫލުރާ ގޮތުން ތާރީޚީ ނަޒަރަކުން ބަލާކަމަށްވާނަމަ މިއީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ކިލެގެފާނުންނާއި ކަލޭގެފާނުންނަކީ ތާރީޚީ ގޮތުން ދެ ދަރަޖައެއްގެ ބައެއްގެ ނަމުގެ ފަހަތަށް ނުވަތަ މަގާމުގެ ފަހަތަށް އިތުރުކުރެވޭ ލަގަބެކެވެ. އެއް ދަރަޖައަށްވުރެ އަނެއް ދަރަޖަ މަތިވެރި ދެ ލަގަބެވެ. ހަމަ އެހެންމެ ތަކުރުފާނުންނާއި ކަލޭގެފާނުންނަށް މަނިކުފާނޭ ލިޔުއްވައި ބޭނުންކުރައްވާފައިވާ ވަރަށް ގިނަ ތަންތަން ފާހަގަކުރެވުނެވެ.

ކިލަގެފާނާއި ކަލޭގެފާނު ފަދައިން މިއީވެސް ދަރަޖައިގެ ގޮތުން ތަފާތު ދެ ލަގަބެކެވެ. ޚާއްސަކޮށް ހުރިހާ ފަނޑިޔާރުންނަށް ފަނޑިޔާރު މަނިކުފާނޭ ބޭނުންކުރައްވާފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތާރީޚީ ލިޔުމެއްގައި އެފަދަ ލަގަބުތައް ހުންނަންވާނީ ތާރީޚުގައި އެލަގަބުތައް ކިޔައި އުޅުނު ގޮތަށެވެ. ދީދީއަކަށް ފަނޑިޔާރުކަން ލިބި ފަނޑިޔާރު މަނިކުފާނަކަށް ވިޔަސް މަނިކަކަށް ނުވަތަ ފުޅަކަށް ފަނޑިޔާރުކަން ލިބުނީމާ ކިޔައިއުޅުނީ ފަނޑިޔާރު ތަކުރުފާނު ނުވަތަ ފަނޑިޔާރު ކަލޭގެފާނެވެ.

ދެން ފާހަގަކުރެވުނު އަނެއް ނުކުތާއަކީ މަލިކަކީ ދިވެހީންނަށް ކޮޅުނބާއި ގާލީ ފަދަ ބަނދަރު ރަށެއްކަމަށް ލިޔުއްވާފައިވާ ކަމެވެ. ތާރީޚީ ލިޔެކިޔުންތަކާއި ހެކިތަކުގެ އަލީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަލިކަކީ ކޮޅުނބާއި ގާއްޔާ އެއްފަދަ ބަނދަރެއް ނޫނެވެ. އަދި އަމުދުން ބަނދަރެއްވެސް ނޫނެވެ. ކަންނަންނޫރު އަލީރާޖާގެ ދަށުގައި އޮތެއް ކަމަކު އެއީ ރާއްޖޭގެ އެހެން ބޮޑެތި ރަށްރަށް ފަދައިން ދިވެހީން ދެކެމުން އައި އަދި އެބީދައިން ދަތުރުފަތުރުކޮށް އުޅުނު ރަށެކެވެ.

އެހެންނަމަވެސް ރާއްޖޭގެ އެހެން ރަށްރަށާއި މަލިކާ ތަފާތުވާ ކަމަކީ މަލިކު ދިވެހި ރަސްކަމުގެ ހުކޫމަތުގެ ބާރުގެ ދަށުގައި ނެތްކަމެވެ. އެހެންކަމުން ސިޔާސީ އެކިއެކި ކަންކަމުގައި އޮޑިކަނޑައިގެން ދިވެހީން ދިރިއުޅޭ ދިވެހި ރަށަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ސިޔާސީ އެކިއެކި ބޭފުޅުން މަލިކަށް ވަޑައިގެން އުޅުއްވީއެވެ. މަލިކަކީ ދިވެހި އެހެން ރަށްތަކުގައި ނެތްވަރުގެ ބޮޑު އަމިއްލަ މިނިވަންކަމެއްގައި އުޅޭ ރަށަކަށް ވާތީ އެމީހުން ބޭރުކަރަކަރަޔަށް ގޮސް މުދާގަނެގެން އެމުދާތައް ވިއްކާން ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ގޮސް އުޅުނެވެ.

ދެން ހުރީ މިކަހަލަ ބަޔާނެއްގައި ހިމަނަންޖެހޭ ވަރަށްވުރެ ކުދި "ކުށްތަކެކެވެ." ބޮޑަށް ބެލެވެނީ ޓައިޕުކުރުމުގައި ޖެހިފައިހުރި އަތުކުށް ކަމުގައެވެ. އެހެންނަމަވެސް އަދި ފާގަހަކުރެވުނު އެއް ކަމެއް ދަންނަވާލާނަމެވެ. އައްސުލްތާން މުހައްމަދު މުއީދނުއްދީން (2)، އާދެ، ކުޑަބަންޑާރައިން ފަސްދާނުލެވިފައިވާ ކަމަށް ފޮތުގައި އޮތީ ހުކުރު މިސްކިތު ބޮޑުކޮށިކޮޅުގައި ކަމަށެވެ. އެހެންނަމަވެސް ކުޑަބަންޑާރައިން ފަސްދާނުލެވިފައި ވަނީ ހުކުރު މިސްކިތު މިހުރާބުގޭގެ ސީދާ ކުރިމައްޗަށް ވާގޮތަށް ހުރި މަހާނަތަކުގެ ތެރޭގައެވެ. އަޅުގަނޑަށް އެކަން ކަށަވަރުވީ ވަރަށް ފަހުން އަޅުގަނޑު އެމަހާނަގާ ބަލައި އޭގައި ހުރި ލިޔުން ކިޔާފައިވާތީއެވެ.

އާދެ، ދެން ފޮތުގެ މައްޗަށް އާއްމު ނަޒަރަކުން ބަލައިލާނަމެވެ. ފޮތް ލިޔުއްވައި އެކުލަވާލައްވާފައި އޮތީ އެމަނިކުފާނު މީގެ ކުރިން ލިޔުއްވި ފޮތްތައް ފަދައިންނެވެ. ތާރީހުގެ ހާދިސާތަކާއި ވާހަކަތައް ގެންނަވާފައި ހުރީ ފޮތް ކިޔަމުންދާ މީހާ "ޓައިމް މެޝިނަކަށް" އަރުއްވައިގެން އެޒަމާނަށް ގެންދަވާ ފަދަ ގޮތަކަށެވެ. ރައީސް ނަޝީދުގެ ލިޔުއްވުންތަކުގެ އެއްމެ ހާއްސަ އެއް ސިފަޔަކީ މިއީއެވެ. ލިޔުއްވާ ހާދިސާއެއްގެ ވަށައިގެން ހިނގާ ހުރިހާ ކަމަކާއި އެކުލެވިގެންވާ ހުރިހާ ތަނަކާއި ބަޔާންވެގެންވާ އެންމެހައި ބައެއްގެ ވާހަކަތައް ގެންނަވަނީ އުނިކަމެއް އިހުސާސްނުވާނޭ ފަދަޔަކުންނެވެ. އެގޮތުން ދަންނަވާ ކަމަށްވަންޏާ ދެރަދުންނަކީ ޝައުގުން ފުރިގެންވާ ގޮތަށް ލިޔުއްވާފައިވާ ވަރަށް ފުރިހަމަ ފޮތެކެވެ. އެހެން ދެންނެވިޔަސް އެމިނަކުފާނުގެ ދިރާސީ ނަޒަރުން ނިންމަވާފައިވާ ނިންމެވުންތަކާއި ފާޅުކުރައްވާފައިވާ ހިޔާލުތަކަކީ ކޮންމެހެން އަޅުގަނޑުގެ ރައުޔަށް ނުވަތަ ހިޔާލަށް ނުވެދާނެއެވެ.

އާދެ! ދެރަދުން ފޮތަކީ ދިވެހިރާއްޖޭގެ މާޒީވެދިޔަ ތާރީހުގެ ތެރެއިން ހާއްސަ ދުވަސްވަރެއްގައި އުޅުއްވި ދެ ރަސްކަލެއްގެ ރަސްކަމުގެ ވާހަކަައިގެ މައްޗަށް ލިޔުއްވާފައިވާ ވަރަށް ތަފްސީލީ ފޮތެކެވެ. އެ ދެ ރަސްކަލުންނަކީ ދޮންބަންޑާރައިންގެ ދަރިކޮޅުން ދިވެހިރާއެްޖޭގައި އެންމެ ދިގު ޒަމާނެއް ވާންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު އިމާދުއްދީން (4)، އާދެ، މުސްކުޅި ބަންޑާރައިންގެ ރަސްކަން ނިމުނު ހިސާބުން ދިވެހިރާއްޖޭގެ ސިންގާސަނާގައި ވެޑުވުނު އެރަދުންގެ ހަގު ދަރިކަލުން އައްސުލްތާން އިބްރާހީމް ނޫރައްދީނާއި އެއަށްފަހު ދޭތެރެ މެދުން ވެޑުވުނު އެރަދުންގެ ދޮށީ މަނިއްޕުޅުގެ ދޮށީ މަނިއްޕުޅު އައްސުލްތާން މުހައްމަދު މުއީނުއްދީން (2)، އާދެ ކުޑަބަންޑާރައިންނެވެ. މި ދެރަސްކަލުން ރަސްކަމަށް ވަޑައިގެންނެވުނު ގޮތުގެ ވަށައިގެން އެނބުރުނު ބަޔަކާއި ތަނަކާއި ކަމަކުގެ މައްޗަށް ވަރަށް ތަފްސީލީ ނަޒަރަކުން އެމަނިކުފާނު ވަނީ ބައްލަވައި ލިޔުއްވާފައެވެ.

ޝާހީ ކައިވެނިފުޅުތަކާއި ސިޔާސީ ކައިވެނިތަކުގެ ވާހަކައެެވެ. އަތިރީގެއާއި ކަކާގޭ ދެކޮޅުވެރިކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ އިގްތިސާދާއި ވޯރާއިންގެ ވާހަކައެވެ. ސިޔާސީ ކޯޅުންތަކާއި ބޮޑުހުޅުގެ ވާހަކައެވެ. މަލިކާއި ކަންނަންނޫރު އަލީރާޖާގެ ވާހަކައެވެ. ދިވެހީންގެ ކަނޑުދަތުރުފަތުރުކުރުމާއި ބޭރުގައުމުތަކާއި އޮތް ގުޅުންތަކުގެ ވާހަކައެވެ. ސިލޯނާއި އިނގިރޭސީންގެ ވާހަކައެވެ. މިނިވަންކަމާއި ހިމާޔަތުގެ ވާހަކައެވެ.

ދިވެހިރާއްޖޭގެ ތާރީހާމެދު ލިޔެވި އާާއްމުވެފައި ހުރީ ވަރަށް މަދު ފޮތްތަކެވެ. އަދި ހުރި ގިނަ ފޮތްތަކަކީވެސް ވަރަށް އާއްމު އުސޫލަކުން ތާރީހުގެ މައްޗަށް ބަލާލައި ލިޔެފައިވާ ފޮތްތަކެކެވެ. ހާއްސަ މައުލޫއެއް ނަގައިގެން އެމައުލޫގެ މައްޗަށް ލިޔެފައި ހުރީ ވަރަށް މަދު ފޮތްތަކެކެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ މަދު ފޮތްތަކުގައި ތެރެއިން ދެ ފޮތަކީ ރައީސް ނަޝީދު ލިޔުއްވާފައިވާ ދެ ފޮތެވެ. އާދެ، އެމަނިކުފާނު ލިޔުއްވި ދަގަނޑު ދަހަނާއޭ ކިޔުނު ފޮތާއި އެއްބަސްވެވޭ އިންގިލާބޭ ކިޔުނު ފޮތެވެ.

އެހެންނަމަވެސް މި ދެ ފޮތަކީވެސް ދިވެހި ތާރީހުގެ އެއް ދުވަސްވަރަކަށް ހާއްސަ ދެ ފޮތެވެ. ދެރަދުން ފޮތް ވެސް ހާއްސަވެފައިވަނީ ހަމަ އެ ދުވަސްވަރަށެވެ. އެހެންކަމުން މިއަދު ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ ބޭބޭފުޅުންގެ ތެރެއިން އެމަނިކުފާނު ފާހަގަކޮށްލެވެނީ މި ދެންނެވި ދުވަސްވަރުގެ ތާރީހަށް "ސްޕްޝަލައިޒް" ވެވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެ ދުވަސްވަރަށް އެމަނިކުފާނު ސްޕެޝަލައިޒްވީ ސަބަބެއް ކަމުގައި އަޅުގަނޑަށް ލަފާކުރެވެނީ އިނގިރޭސިވިލާތާއި އެމަނިކުފާނާ އޮތް ގުޅުމެވެ. އެތަނުން ކިޔަވައި ވިދާޅުވެ ގިނަ ދުވަސްތަކެއް އެތަނުގައި ހޭދަކުރައްވަންޖެހިވަޑައިގެންނެވުމުން ރާއްޖޭގެ ތާރީހާ ގުޅޭ ގޮތުން އިނގިރޭސިވިލާތުން އެއްޗެއް ލިބިވަޑައިގަންނަވާނީ އެދުވަސްވަރާ ގުޅޭ ގޮތުން ކަމަށްވާތީއެވެ. އެގޮތުން އެމަނިކުފާނު ވަނީ މިދެންނެވި ދުވަސްވަރާ ގުޅުންހުރި ތަފާތު އެކި ލިޔުންތައް އިނގިރޭސިވިލާތުން ހޯއްދަވައިގެން ދެރަދުން ފޮތުގައި ލިޔުއްވި ވަރަށް ގިނަ ވާހަކަތަކަށް އެ ލިޔުންތަކުން ހަވާލާދެއްވާފައިވެއެވެ. އެގޮތަށް ހޯއްދެވި ލިޔުންތަކުގެ ތެރެއިން މަލިކާ ގުޅުންހުރި ވަރަށް ގިނަ ލިޔުންތައް އެމަނިކުފާނު ވަނީ އަޅުގަނޑަށްވެސް ދެއްވާފައެވެ. އެކަމަށްޓަކައި އިހުލާސްތެރި ޝުކުރެއް ދަންނަވަމެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެރަދުން ފޮތަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަ ގޮތުގެ މައްޗަށް ދިރާސާކުރާ ބަޔަކު ކިޔުން މުހިއްމު ފޮތެކެވެ. މަސްދަރެއްކަމަށް ފުދޭނެވަރުގެ ފޮތެކެވެ. އަދި ދިވެހިރާއްޖޭގެ ޔުނިވަރސިޓީ/ކޮލެޖް ފަދަ ތަންތަނުގެ ތާރީހު މޮޑިއުލްތައް ކިޔަވައިދޭއިރު ރެފެރެންސް ފޮތެއްގެ ގޮތުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ފޮތެކެވެ. މި ފޮތް ރެފަރެންސަކަށް ބޭނުންކުރެވޭނީ އިނގިރޭސި ހިމާޔަތުގެ ތާރީހު ދިރާސާކޮށް ކިޔާއިރު އެކަންޏެއް ނޫނެވެ. ދިވެހިރާއްޖޭގެ އިގްތިސާދު އިހުގައި ބައްޓަންވެފައި އޮތް ގޮތާއި، ދިވެހީން ސިޔާސީ ކަންކަން ހިންގިގޮތާއި، ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބެހެއްޓި ގޮތާއި މިކަންކަންމުގެ މައްޗަށް ބަލައި ދިރާސާކުރާ ފަރާތްތަކަށާއި ކިޔަވާ ދަރިވަރުންނަށްވެސް މިއީ ނުހަނު މުހިއްމު ފޮތެކެވެ.

ނިންމާލަމުން އަޅުގަނޑު ދަންނަވާނީ އިސްވެ ދެންނެވުނު ޒާތުގެ ފުރިހަމަ ރިފަރެންސް ފޮތަކަށް ފޮތް ހެއްދެވުމަށްޓަކައި ފޮތުގެ ދެވަނަ ޗާޕެއް ނެރުއްވާއިރު ހަވާލާދެއްވި "ތަދު" ލިޔެކިޔުންތައްވެސް ފޮތުގައި ހިމެނެއްވުން ވަރަށް ބޭނުންތެރި ކަމަކަށް ވާނެކަމަށެވެ.

ނާޖިހު

ނޯޓު: މިލިޔުމަކީ މުހައްމަދު ނާޖިހު،މަރަދޫ. ހުޅަނގުއައްސޭރި / އައްޑޫ ސިޓީ ލިޔުއްވި ލިޔުމެކެވެ. މުހައްމަދު ނާޖިހު އަކީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓެކެވެ. ނާޖިހު ގެންދަވަނީ ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވައި، ލިޔުންތައް ލިޔުއްވަމުންނެވެ.