އެމެރިކާގެ ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއިލްވެފައިވާ ކަމަށް، އެގައުމުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަން ނިންމާލުމުގެ ގޮތުން ރޭ ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ މިއީ އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް އެއްބައިވާންވީ ވަގުތު ކަމަށާއި އެންމެންގެ އެއްބައިވުމާއެކު އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ އަނދިރި ކަމުން އަރައިގަނެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމެރިކާ ރައްޔިތުންނަށް އޮތީ ދެ މަގެއް ކަމަށާއި އެއީ އުއްމީދާއި ރިފޯމްގެ މަގުގެ އިތުރުން ބައިބައިވުމާއި ނަފްރާއި ނާއުއްމީދުގެ މަގު ކަމަށް ބައިޑެން ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބަކީ އެމެރިކާ ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްލައި ދިގު މުއްދަތަކަށް އެމެރިކާ އޮންނާނެ ގޮތް ދައްކުވައިދޭނެ އިންތިހާބެއް ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ކަންކަމުގައި އެމެރިކާ ސަރުކާރުގެ އަމަލު ހުރި ގޮތަށް ފާޑު ވިދާޅުވަމުން ބައިޑެން ވަނީ ޓްރަމްޕަކީ ކަންކަމުގައި ޒިންމާ ނަންގަވާ ބޭފުޅެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ އެހެން މީހުންގެ ބޮލަށް ކަންކަން ޖަހައި، ނަފްރަތާއި ބައިބައިވުން އުފައްދަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.
ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މުޅި ދުނިޔެ އިން ވެސް މީހުން މަރުވެފައިވަނީ އެމެރިކާ އިން ކަން ފާހަގަކުރައްވަމުން ބައިޑެން ވަނީ އެމެރިކާގެ ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ޓްރަމްޕް ފެއިލް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
"ޓްރަމްޕް ވަނީ ގައުމަށް އަދާކުރަންޖެހޭ އެންމެ އާދައިގެ ޒިންމާ އިން ވެސް ފެއިލްވެފައި. އޭނާ ވަނީ އެމެރިކާ ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ފެއިލްވެފައި" ބައިޑެން ވިދާޅުވިއެވެ.
އުމުރުން 77 އަހަރުގެ ބައިޑެން އާއި ޓްރަމްޕް ވާދަކުރައްވާ އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ.