Last Updated: April 26, 15:02
Friday, April 26, 2024
ދުނިޔެ

މިއަހަރު ނިމެންވާއިރަށް ކޮވިޑަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ: އިންޑިއާ

މިއަހަރު ނިމެންވާއިރަށް ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓަރު ޑރ.ހަޝް ވަރްދަން ވިދާޅުވެއްޖެއެވެ.

ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކަކުން ކުރަމުން އަންނައިރު، ދާދިފަހުން ރަޝިއާ އިން ވަނީ ވެކްސިނެއް ތައްޔާރު ކުރެވިފައިވާކަން ހާމަކޮށް އެ ވެކްސިން ބޭނުން ކުރަން ވެސް ފަށާފައެވެ. ނަމަވެސް އެ ވެކްސިނާއި މެދު ހުޅަނގުގެ ގައުމުތަކުން ސުވާލު އުފައްދަމުންދާއިރު އެ ވެކްސިނާއި ގުޅޭ މައުލޫމާތު ޑަބްލިއުއެޗްއޯ އިން މިހާރު އަންނަނީ ހޯދަމުންނެވެ.

ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް އިންޑިއާ އިން ވެސް ކުރަމުން އަންނައިރު އެގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެގައުމުން ތައްޔާރުކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެއް ވެކްސިން މިހާރު އޮތީ ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ މަރުހަލާގައި ކަމަށެވެ.

"ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިއަހަރު ނިމެންވާއިރަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ ކަމުގެ" އޭނާ ވިދާޅުވިއެވެ.

މި ވެކްސިން ތައްޔާރު ކުރެވުނު ނަމަވެސް ވެކްސިން ބާޒާރަށް ނެރޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް ހަޝް ވަރްޝަން ވިދާޅެއް ނުވެއެވެ.

އިންޑިއާ އަކީ މި ބަލި ތިންވަނަ އަށް އެންމެ ބާރަށް ފެތުރޭ ގައުމެވެ. އެގޮތުން އެގައުމުން މި ބައްޔަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި އެގައުމުން ވަނީ 56،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. މި ބައްޔަށް އެގައުމުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2.2 މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ.