Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އެމްޑީޕީ އެކްޓިވިސްޓަކަށް ދޭން ވަޒީފާއެއް "އުފެއްދި" މައްސަލައެއް އޭސީސީއަށް

އެމްޑީޕީ އެކްޓިވިސްޓު ޝަތުފާ ރައީސް ނަޝީދުގެ ފޮތެއް ބައްލަވަނީ. ޝަތްފާ އަށް ކައުންސިލުން ވަޒީފާއެއް ހަމަޖައްސައިދިން މައްސަލައެއް އޭސީސީއަށް ވަނީ ހުށައެޅިފައި-

އެމްޑީޕީ އެކްޓިވިސްޓަކަށް މާލެ ސިޓީ ކައުންސިލްގައި އޮނިގަނޑުން ބޭރުން ވަޒީފާއެއް އުފެއްދި މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.

މިމައްސަލަ އަމިއްލަ ފަރާތަކުން އޭސީސީގެ ސަމާލު ކަމަށް ގެނެސްފައިވަނީ ގަވާއިދުތަކާ ޚިލާފަށް އޮނިގަނޑުން ބޭރުން އުފައްދާފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގި އަމަލެއް ކަމަށް ބެލެވޭތީ ކަމަށް "ދިޔަރެސް" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީގެ ރައީސާ މަރިޔާމް ޝިއުނާއަށް ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވަނީ އެމްޑީޕީ އެކްޓިވިސްޓު އާއިޝަތު ޝަތުފާއަށް ސިޓީ ކައުންސިލްގެ ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓުގެ މަގާމު ހަމަޖެހިގެން ދިޔައީ، އޭނާއަށް ޚާއްސަ ޝަރުތުތަކެއް ވަޒީފާގައި ބަޔާންކޮށް ވަޒީފާ ޔަގީންވާނެ ގޮތަށް އިއުލާން ކުރުމަށް ފަހުގައެވެ.

ޝަތުފާއަށް ކޮންޓްރެކްޓު އުސޫލުން ލިބުނު ވަޒީފާއިން 15،000ރ. ގެ މުސާރައެއް ލިބޭނެއެވެ. އަދި އޭނާގެ މަސައްކަތަކީ މާލޭ މޭޔަރ އަދި ޑެޕިއުޓީ މޭޔަރުގެ ޕްރޮމޯޝަނަލް މަސައްކަތް ކަމަށް ސިޓީ ކައުންސިލް މެމްބަރަކާ ހަވާލާދީ ދިޔަރެހުން ރިޕޯޓުކޮށްފައިވެއެވެ.

ސިޓީ ކައުންސިލް ތެރޭގައި މޭޔަރ ޝިފާ އަދި ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފްގެ އިތުބާރު ގެއްލި، ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ކައުންސިލަށް ވައްދާފައެވެ. މިމައްސަލާގައި މިމަގާމު ޝަތުފާ އަށް ދިނުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ.

ޝަތުފާއަށް ވަޒީފާ ދިނުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ލެވެލް 4 ގެ ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. ނަމަވެސް މިފަދަ މަގާމުތަކަށް އާންމުގޮތެއްގައި ޝަރުތު ހަމަވަނީ މާސްޓާސް ލެވެލް ސެޓްފިކެޓެއް އޮވެގެންނެވެ.

މީގެ އިތުރުން، ވަޒީފާއަށް އިންޓަވިއު ކުރުމުގައި އިންޓަވިއުކުރަން ކަނޑައެޅިފައި އޮންނަ ބޯޓުގެ ބަދަލުގައި ޑެޕިއުޓީ މޭޔަރ އަމިއްލައަށް އިންޓަވިއު ކޮށް ވަޒީފާ ދިނުންވެސް ފާހަގަކޮށްފައިވެއެވެ.