Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ވެންޓިލޭޓަރު ހޯދުމުގައި މިނިސްޓްރީން އަމަލުކުރީ ހެޔޮ ނިޔަތުގައި: އަމީން

ކޮވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖެއިން ބޭރުގެ ކުންފުނިތަކާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ހެލްތް މިނިސްޓްރީން އަމަލުކުރީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށާއި، އަދި ހެޔޮ ނިޔަތުގައި ކަމަށް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، ދުބާއީ ކުންފުންޏަކާ ގުޅިގެން 200 ވެންޓިލޭޓަރު ހޯދުމުގައި ހެލްތް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް އޮޑިޓާ ޖެނެރަލް ހިންގި އޮޑިޓުން ހާމަވުމާ ގުޅިގެން މިނިސްޓަރާއި މިނިސްޓްރީގެ އިސް އޮފިޝަލުން މިއަދު ކޮމިޓީ ބައްދަލުވުމަށް ހާޒިރުކޮށް ޖަވާބުދާރީ ވުމަށް ފުރުސަތު އެރުވުމުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަމީން ވަނީ، ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމަށް މަސައްކަތް ކުރީ، ދުނިޔޭގައި ވެސް ވެންޓިލޭޓަރަށް އޮތް ޑިމާންޑު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ވެންޓިލޭޓު ލިބުމުގެ ދަތިކަން އެހާމެ ބޮޑަށް އޮތް ދުވަސްވަރެއްގައި ކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް ދުބާއީ ކުންފުންޏަކަށް ވެންޓިލޭޓަރު ގަތުމަށް ސިންގަލް ޕްރޮކިއަމެންޓު އުސޫލުގެ ދަށުން ހަވާލުކުރަން ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެދުނީ، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ އޮފިޝަލުން ވެސް ރަސްމީ ހައިސިއްޔަތުން އެގޮތަށް މައުލޫމާތު ދިނުމުން ކަމަށާއި، ހެލްތް މިނިސްޓްރީއާއި ޑަބްލިއު އެޗް އޯގެ އޮފިޝަލުންނާ ދެމެދު ކުރެވުނީ އެއްވެސް ގޮތަކަށް ނުރަސްމީ މައުލޫމާތުތަކެއް ނޫން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އޮޑިޓް އޮފީހުގެ އޮޑިޓުގައި ވަނީ ހެލްތް މިނިސްޓްރީން ދުބާއީގެ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރިއިރު ބަލަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުރިކަން ފާހަގަކޮށްފައެވެ. އަދި ޑަބްލިއުއެޗްއޯ ގެ އޮފިޝަލުން، ހެލްތް މިނިސްޓްރީ އަށް މައުލޫމާތު ދިނީ އެއްވެސް ގޮތަކަށް ރަސްމީ ސިފައެއްގައި ނޫން ކަމަށާއި ޑަބްލިއުއެޗްއޯ އިން ރަސްމީ ކޮށް ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުމަށް އެދިފައި ނުވާނެ ކަމަށް އޮޑިޓުން ކުރި ސުވާލުތަކާ ގުޅިގެން ޖަވާބު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯ އާ މުއާމަލާތް ކުރީ އޭނާގެ ވެސް ރަސްމީ އީމެއިލުން ކަމަށާއި، އަދި އެފަރާތްތަކުން ވެސް ދުބާއީ ކުންފުންޏާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނީ ރަސްމީ އީމެއިލުން ކަމަށްވާތީ އެހިސާބުން އެއްވެސް ހާލަތެއްގައި މިކުރެވެނީ ނުރަސްމީ މުއާމަލާތެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ވެންޓިލޭޓަރު ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކޮށް އަމީން ވިދާޅުވީ ދުބާއީ ކުންފުނީގެ އިތުރުންވެސް ސަރުކާރުން ގަންނަން އަދި ހިލޭ އެހީގެ ގޮތުގައި ހޯދަން އެދިފައިވާ ވެންޓިލޭޓަރުތައް ވެސް އަދިވެސް ރާއްޖެ އައިސްފައިނުވާ ކަމަށާއި ވެންޓިލޭޓަރު އަވަހަށް ލިބޭނެ ގޮތެއް ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން 200 ވެންޓިލޭޓަރު ގަންނަން އަގު ހޯދުމަށް ފަހު އެޑްވާންސް ޕޭމެންޓުގެ ގޮތުގައި %75(30.1 މިލިއަން ރުފިޔާ) ފިނޭންސްގެ ހުއްދައާ އެކު ވަނީ ދޫކޮށްފައެވެ. ނަމަވެސް މިހާތަނަށް ރާއްޖެއަށް ލިބުނީ 75 ވެންޓިލޭޓަރެވެ.

މިވެންޓިލޭޓަރުތަކުގެ ކޮލިޓީއާ މެދު ސުވާލު އުފައްދައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޑރ. ޝާހް މާހިރު ވަނީ މިނިސްޓަރަށް މިވެންޓިލެޓަރުތައް ބޭނުންކުރަން ރަނގަޅު ނޫން ކަމަށް ލަފާ އަރުވާފައި ކަމަށް އޭނާ ވަނީ ކުރިން ވިދާޅުވެފައެވެ.