Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މައުމޫނާ ދޭތެރޭ ނަޝީދު އަމަލުކުރައްވާ ގޮތް ރީކޯ މޫސައަށް ކަމަކު ނުދޭ

މޫސާ މަނިކު ޕީޕީއެމް ޖަލްސާއެއްގައި: ފޮޓޯ - މިހާރު

ރައީސް ނަޝީދު، ރައީސް މައުމޫނާ ދޭތެރޭ އަމަލުކުރައްވާ ގޮތަށް ކުރީގެ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުކިޔައިފިއެވެ.

ރީކޯ މޫސަ ވަނީ، ވެރިކަމުގެ ގޮށް ޖަހަން މައުމޫން 30 އަހަރު ކުރި އަނިޔާއާ އޮޅުވާލި ވޯޓު ހަނދާން ނައްތާލުމަށް ފަހު ބޮޑުވަޒީރު ކަން ހޯދަން ވުމުން އެކަންތައް ގޯސްވުމުން ރައީސް ނަޝީދުގެ ނިޔަތާ މެދު ސުވާލު އުފައްދާފައެވެ.

"ވެރިކަން ހޯދަން ނަގޫގޮށްޖެހިއިރު ރ މައުމޫން 30 އަހަރު ވޯޓެއްވެސް ނުއޮޅުވާ؟ އަނިޔާއެއްވެސް ނުކުރޭ؟ ބޮޑުވަޒީރުކަން ހޯދަންވީމަ އަނެއްކާވެސް މައުމޫން ވަރުގެ ގޯސް މީހަކު ނެތް؟" ރީކޯ މޫސަ ކުރި ޓުވީޓެއްގައި ނަޝީދަށް ފާޑުކިޔުން އަމާޒުކޮށް ސުވާލު އުފައްދާފައިވެއެވެ.

އަދި ރައީސް ނަޝީދު ބޭނުންވީމަ މުޅި އެމްޑީޕީވީ ރައީސް ނަޝީދާއެކު މައުމޫނާ ދެކޮޅުވާންތޯ ވެސް މޫސަ ވަނީ ސުވާލު އުފައްދާފައެވެ.

ދެ ރައީސުންގެ ދެމެދުގައި އޮތް ދުވަސްވީ ވާދަވެރިކަން، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރައްވަން ހެއްދެވި އިއްތިހާދާއެކު ވަނީ މަޑު ޖައްސާލާފައެވެ. ދޭތެރެ ދޭތެރެއިން ނަޝީދު، މައުމޫނަށް ނުރަސްމީ ބަހުގެ ހަމަލާ ފޮނުއްވި ނަމަވެސް މިފަހަރު ފާޅުގައި މައުމޫން ވޯޓުން ވައްކަން ކުރި ކަމަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވުރެ ރާއްޖެއަށް ކަމުދަނީ ރިޔާސީ ނިޒާމު ކަމަށް ދެންނެވުމުންނެވެ.

ރައީސް ނަޝީދު ވަނީ މައުމޫންގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި ވޯޓު އޮޅުވާނުލަނީ ހަމައެކަނި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަމަށާއި އެ އިންތިޚާބުން އެމަނިކުފާނު ވީ ބަލި ކަމަށް ވިދާޅުވެފައެވެ.