Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

ކައުންސިލުގެ މަސްއޫލިއްޔަތު ރައްޔިތުން ކޮނޑުގައި އެޅުމުންވެސް ކަމަކު ނުދިޔަ؟

ފޭދޫގައި ރައްޔިތުން ހަދަމުންދިޔަ މައިޒާން ރޫޅާލަން ކައުންސިލުން ވަނީ އަންގާފައި: ފޮޓޯ - ފޭސްބުކް

އައްޑޫގެ ވެށި ރިވެތިކޮށް ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަކަށް އެކި އަވަށްތަކުން ރައްޔިތުން އިސް ނަގައިގެން މަސައްކަތް ފެށުމުން، ޓޫރިޒަމަށް ބިންދޫކޮށްފައިވާތަނެއް ކަމަށް ބުނެ ކައުންސިލުން ހުރަސް އެޅުމުން އެތައް ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.

މީދޫ ކޯގަންނުން ފެށުނު ގޮނޑުދޮށް ރީތިކުރުމުގެ މަސައްކަތް އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރަމުން އަންނައިރު ފޭދޫގެ ހިއްކި ބިމުގައި ފޭދޫ ރައްޔިތުން އިސް ނަގައިގެން ޖޯލި ހަދައި ހިތްފަސޭހަކޮށްލަން މައިޒާނެއް ހަދަން ފެށީ އެ ރައްޔިތުން އަމިއްލަ ޖީބުން ޚަރަދު ކޮށްގެންނެވެ.

މިއަދު ސިޓީ ކައުންސިލުން ވަނީ ފޭދޫ ރައްޔިތުން ކުރަމުން އައި މަސައްކަތް ހުއްޓުވައި އެތަނަކީ ޓޫރިޒަމް ފުޅާ ކުރަން ގެސްޓު ހައުސް ހެދުމަށް ބިން ދޫކޮށްފައި އޮތް ސަރަހަައްދެއް ކަމަށް ބުނެ ރައްޔިތުން ކުރަމުން އައި މަސައްކަތުގައި ކޮޅުފައިން ޖަހައި ހުއްޓުވާފައެވެ.

ފޭދޫ ރައްޔިތުންގެ ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވީ މިސަރަހައްދު ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ރައްޔިތުން ކުރާތާ ދުވަސްތަކެއް ވެފައިވާއިރު އެއްވެސް އެންގުމެއް ނާންގާ، މަސައްކަތް ނިމެން ކައިރި ވެފައިވަނިކޮށް ހުއްޓުވައި ކުރި މަސައްކަތް ބޭކާރު ކޮށްލުމުންނެވެ.

ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް، ބަޖެޓު ކަނޑައަޅާފައިވަނީ ސިޓީގެ މިފަދަ ކަންތައްތައް ވެސް ބެލުމުގެ މަސްއޫލިއްޔަތު ސިޓީ ކައުންސިލްގެ ކޮނޑުގައި އެޅުވުމަށް ފަހުގައެވެ. ކައުންސިލުން އިސް ނަގައިގެން ޚަރަދުކޮށް އައްޑޫގެ ވެށި ސާފުކޮށް ހިތްފަސޭހަ މައިޒާންތައް ނުހެދުނުތާ ރައްޔިތުންގެ ޖީބުން ޚަރަދުކޮށް ކުރި މަސައްކަތް ވެސް ބޭކާރުކޮށްލުމުން ކައުންސިލްގެ ނިޔަތް ސައްހަނޫން ކަމަށް ފޭދޫ ރައްޔިތުން ދެކެއެވެ.