ޕީއެސްޖީ އަށް ކުޅެމުން އައި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ޗެލްސީ އަށް ސޮއިކޮށްފިއެވެ.
އުމުރުން 35 އަހަރުގެ ސިލްވާ ޗެލްސީ އަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގު ދަންމާލުމުގެ ފުރުސަތު ވެސް ޗެލްސީ އަށް އެބައޮތެވެ.
ޕީއެސްޖީގައި 8 އަހަރު ސިލްވާ ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެޓީމަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާދީފައެވެ.
މިއީ މި ޓްރާންސްފާ މާކެޓުގައި ޗެލްސީ އަށް ގެނައި ފަސްވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އެ ކްލަބަށް ވަނީ އަޔެކްސް އަށް ކުޅެމުން އައި ހާކިމް ޒިޔެކް އާއި ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އާއި ލެސްޓަ ސިޓީ އަށް ކުޅެމުން އައި އިނގިރޭސިވިލާތުގެ ޑިފެންޑަރު ބެން ޗިލްވެލްގެ އިތުރުން ނީސް އަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު މަލަން ސާ ވެސް ގެނެސްފައެވެ.
މީގެއިތުރުން ޗެލްސީން އަންނަނީ އެ ކްލަބުގެ ރެކޯޑު އަގެއްގައި ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ކައި ހަވެޓްޒް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި އޮވެ ޗެލްސީން މިދިޔަ ސީޒަން ނިންމާލިއިރު، އަންނަ ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި އެޓީމު ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.