Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

ވެލިނެގުން ނުހުއްޓުވުނު، ކުނި ނަގާ ސާފުކުރުން ހުއްޓުވޭ؟

ފޭދޫގައި 3އެސް ކުންފުނިން އިސް ނަގައިގެން ސާފުކުރި އަތިރިމަތި: ފޮޓޯ - ފޭސްބުކް

އައްޑޫގެ އަވަށްތަކުގެ ގޮނޑުދޮށް ސާފުކޮށް ހިތްފަސޭހަ މައިޒާންތަކަށް ހެދުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ކުރާ މަސައްކަތް ކައުންސިލުން، ގަވާއިދާ ޚިލާފު ކަމަށް ބުނެ ހުއްޓުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކައުންސިލަށް ފާޑުކިޔާފައެވެ.

ގޮނޑުދޮށުން ވަގަށް ދޮންވެލި ނެގުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރަށް ގިރި ހުސްވަމުންދާއިރު ކައުންސިލަށް އެކަން މިހާތަނަށް ވެސް ހުއްޓުވިފައިނުވާއިރު، ގޮނޑުދޮށް ސާފުކޮށް ރީތިކޮށް ބޭއްވުމަށް ރައްޔިތުން ކުރާ މަސައްކަތް ހުއްޓުވީ ހުއްދަ ނުނަގާ އެކަން ކުރާތީއެވެ.

އަދި އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. "ހުއްދަ ހޯދުމަކާ ނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާ ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ގާނޫނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަމެވެ." ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ބީޗު ހަދާ ފަރާތްތަކުން އެކަން ކުރަނީ ބިންގަނޑު ކޮނެ، ފަޅުތެރެ ކޮނެ ބޮޑެތި މެޝިނަރީތައް ބޭނުންކޮށްގެނެއް ނޫނެވެ. އެކަން ކުރަނީ ފުއްޓަރާއި އަތިރި މައްޗަށް އަދި މޫދަށް އުކާފައިވާ ކުނި ހޮވައިގެންނެވެ. ދޮންވެލިގަނޑުން ކުނި ނަގައި ސާފުކޮށްގެންނެވެ. އާއިލާ ގޮވައިގެން އައިސް މޫދު ބަލާލަން، ޕިކްނިކް ހަދާލަން އައިސް ތިބޭއިރު އިށީނދެލާނެ ގޮނޑިތަކެއް، ކުނި އުކާލާނެ ޑަސްބިނެއް ނޫނީ އެތަންތަނުގައި އާންމުންނެއް ނުބަހައްޓައެވެ.

މިކަން ހުއްޓުވުމަށް ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ ކައުންސިލުން އެޅި ފިޔަވަޅުގެ ފަހަތުގައި ވަނީ ކޮން މަންފާއެއް ކަން ބުނެދޭން ވެސް ރައްޔިތުން ވަނީ އެދިފައެވެ.

ކައުންސިލްތަކަކީ އާންމުންގެ އެއްބާރުލުން ހޯދައިގެން މިފަދަ ކަންކަން ރަށުތެރޭގައި ކުރަން ހަވާލުކުރެވިފައިވާ މުއައްސަސާ ކަމުގައި ވާއިރު، ކައުންސިލްގެ މުއްދަތުގައި މިފަދަ އިސްނެގުމެއް ނުނެގި ރައްޔިތުން އަމިއްލައަށް ނެގި އިސްނެގުމަށް ހުރަސް އެޅުމަކީ ކައުންސިލްގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.