Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފްލެޓުން ވައްކަންކޮށް ރައްޔިތުން މަގުމަތިކޮށްފި: މުއިއްޒު

މި ސަރުކާރުން ފްލެޓުން ވައްކަންކޮށް ރައްޔިތުން މަގުމަތިކޮށްފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިދިޔަ ހަފްތާގައި ސަރުކާރުން އިއުލާންކޮށްފައިވާއިރު އެ ލިސްޓު އާންމުކޮށްފައިވަނީ ކުރީ ސަރުކާރުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ އަލުން ބެލުމަށްފަހުއެވެ.

މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓުން ވައްކަންކޮށް ރައްޔިތުންތަކެއް މަގުމަތިކޮށްފައިވާ ކަމަށާއި މިގޮތަށް މަގުމަތި ކުރި ފަރާތްތަކަށް އެހީވާން އިދިކޮޅު ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ.

އެގޮތުން ހިލޭ ސާބަހަށް އެ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން ކޯޓު މެދުވެރިކޮށް މިކަމުގައި ސަރުކާރު ބަލިކޮށް ބޭޒާރު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެތައް ސަތޭކަ ރައްޔިތުންނެއް މިވަނީ މަގުމަތިކޮށްފައި. މިފަދަ ނުބައި ލާއިންސާނީ ސަރުކާރެއް ރާއްޖޭގެ ތާރީހު ވެސް ނުދެކޭ" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ފްލެޓުގެ ހަައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ކުރީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށާއި އެގޮތުން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ނަމުގައި ގޭގެއަށް ގޮސް ކޮށްފައިވަނީ ދެތިން ސުވާލު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ނެރެފައިވަނީ ގާނޫނީ ގޮތުން ބަލާއިރު ބާތިލު ލިސްޓުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ކުރިން ޕޮއިންޓު ލިބޭނެ ގޮތާއި، ޝަރުތުތަކާއި ބަލާނެ މިންގަނޑުތަކާއި، އުސޫލުތަކާއި ހުރިހާ އެއްޗެއްހި އިއުލާން ކުރެވި މިންގަނޑުތަކެއް އޮތް ކަމެއް. އެ މިންގަނޑު ގަބޫލުކޮށްގެން ފޯމު ލީ މީހުން ލީ. އެ މިންގަނޑު ގަބޫލުނުކުރާ މީހުން ފޯމު ނުލީ. އެ މިންގަނޑު ގަބޫލުކުރި މީހުންގެ ތެރެއިން ލިސްޓެއް ހެދިފައި އޮއްވާ މި ސަރުކާރު އައިސް އެ ލިސްޓުގެ ތެރެއިން ވަކި ގޮތްތަކެއް ހެދުމުން މިއީ ބާތިލު ލިސްޓެއް" މުއިއްޒު ވިދާޅުވިއެވެ.

ފްލެޓުތައް ބެހުމަށް ނިންމާފައިވަނީ ބޭއިންސާފުވެރިކޮށް ގާނޫނީ އެއްވެސް ހަމަޔަކުން ނޫން ކަމަށާއި މިކަމުގައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ކޯލިޝަނުން އެހީވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.