Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ލިވަޕޫލް ބަލިކޮށް އާސެނަލުން ޝީލްޑް ކާމިޔާބުކޮށްފި

ޕެނަލްޓީގައި 5-4 އިން ލިވަޕޫލް ބަލިކުރުމަށްފަހު އިނގިރޭސި ޗެމްޕިއަން އާސެނަލް ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަން އާސެނަލުން ކޮމިއުނިޓީ ޝީލްޑް މިރޭ ކާމިޔާބުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މި ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލް އިން ކަމަށްވާއިރު މި ގޯލު މެޗުގެ 12 ވަނަ މިނެޓްގައި އެޓީމުގެ ކެޕްޓަން އޮބަމަޔަންގް ކާމިޔާބުކުރީ ޒުވާން ވިންގާ ބުކާޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މި ގޯލަށްފަހު ލިވަޕޫލް އިން ކުޅުން ރަނގަޅުކުރިއިރު އެޓީމަށް ނަތީޖާ އެއްވަރު ކުރީ މެޗުގެ 70 ވަނަ މިނެޓްގައެވެ. އެގޮތުން މި ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާންގެ ޓަކުމީ މިނަމީނޯ އެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ދިޔައީ ޕެނަލްޓީ އަށެވެ. ޕެނަލްޓީގައި އާސެނަލް އިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ލިވަޕޫލަށް ކާމިޔާބު ނުކުރެވުނީ ޒުވާން ފޯވާޑް ރިއަން ބްރޫސްޓާ ފޮނުވާލި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށެވެ.

މިއީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗެއް ކަމަށްވާއިރު، ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.