Last Updated: March 28, 14:17
Thursday, March 28, 2024
ދުނިޔެ

މޫދު ރިންގެއްގައި ކަނޑަށް ބެހުނު 3 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެގެންދިޔަ ވީޑިއޯ އަކުން ފެނިގެން ދަނީ ކުޑަ އަންހެން ކުއްޖަކު ޔުނިކޯން ރިންގެއްގައި އޮޔާދާތަނެވެ. މި ހާދިސާ ހިނގާފައި ވަނީ ގްރީސްގެ އެންޓީރިއޯ ނަމަކަށް ކިޔާ ރަށެއްގައެވެ.

އާއިލާއާއެކު މޫދަށް އެރި އުޅުނު އެ ކުއްޖާ އޮޔާ ދިޔައީ ކުޑަ ހިނދުކޮޅަކަށް މައިންބަފައިންގެ ސަމާލުކަން ގެއްލުމުންނެވެ.

އެންމެ 3 އަހަރު އެ ކުއްޖާ އޮޔާދާތަން ފެނުމުން އެކުއްޖާގެ ބައްޕަ އާއެކު އެވަގުތު މޫދަށް އެރި އުޅުނު ގިނަ ބަޔަކު އެކުއްޖާ ސަލާމަތްކުރުމަށް ފަތާފައި ދިޔައެވެ. ނަމަވެސް އޮއެވަރު ބާރު ދުވަހަކަށް ވުމުން އެކަކަށްވެސް އަތުނުވިއެވެ. އަދި އެކުއްޖާ ސަލާމަތް ކުރުމަށް ދިޔަ ޑިންގީއެއްވެސް އޮޔާއެކު ދިޔަކަމަށްވެއެވެ.

އޮޔާ ދަނިކޮށް އެ ކުއްޖާއާ ދިމާވީ ފެރީބޯޓަކާއެވެ. ބޯޓުގެ ތަޖުރިބާކާރު ކައްޕިއާ އޭނާގެ ބޭބެގެ މަސައްކަތުން އެ ކުއްޖާ ގަދަ ކަނޑުން ބޯޓަށް ނަގައިގެނެވުނެވެ. ގްރީސްގެ ޕްރައިމް މިނިސްޓަރު ވަނީ މިހާދިސާއާ ގުޅިގެން ކެޕްޓަނަށާއި އޭނާގެ ފަޅުވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

ފެރީބޯޓުގެ ކެޕްޓަން ބުނެފައިާގޮތުނެ އޭނާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮއށްފައިވަނީ ވަރަށް އާއްމު ގޮތެއްގައި ބޭނުންކުރާ ރިންގު ފަދަ ތަކެތީގެ ނުރައްކާތެރިކަން ހާމަ ކުރުމަށެވެ. އަދި މޫދު ތެރޭގައި ފަޅި ސިކުންތެއްގެ ތެރޭގައިވެސް ވެދާނެ ކަމެއް ނޭނގޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިކަމުގައި އެ ކުއްޖާގެ އާއިލާއިން އެއްވެސް ބަހެއް އަދި ލިބިފައި ނުވެއެވެ.