Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ކޯވިޑް މީޑިއާ ކެމްޕެއިން ރައީސް މިރޭ އިފްތިތާޙު ކޮށްދެއްވަނީ

ކޯވިޑް-19 އާއި ދެކޮޅަށް ދިވެހި މީޑިއާ އިން ޤައުމީ ކެމްޕެއިނެއް ފެށުމަށް އެޗް.އީ..އޯ.ސީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ވަން އޮންލައިން

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޚާއްސަ ކެމްޕެއިން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިފްތިތާހު ކޮށްދެއްވަން ނިންމަވައިފިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިން، ރައީސް އިފްތިތާޙި ކޮށްދެއްވަން ހަމަޖެހިފައިވަނީ މިރޭ 10:00 ޖަހާ އިރު ބޭއްވޭ ޚާއްސަ ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލު ވުމުގައި، ރައީސް ގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް، މައިމޫނާ އަބޫބަކުރު ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިނަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށް ހިންގޭ ހަރަކާތެކެވެ. އެގޮތުން ކޮވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒެކެވެ.

ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މީގެ ކުރިން ބައްދަލުކޮށް، މަޝްވަރާ ކޮށްފައެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ.

މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންނެވެ.