Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

ރެއާލް ދޫކޮށްލުމަށްފަހު ރޮޑްރިގޭޒް އެވަޓަން އަށް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް އެވަޓަން އަށް ބަދަލުވުމާ ގާތަށް ގޮސްފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 29 އަހަރުގެ ރޮޑްރިގޭޒް އެވަޓަން އަށް ބަދަލުވާނީ ތިން އަހަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ރެއާލް އާއި އެވަޓަންއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލޯނެއްގެ ދަށުން ދެ އަހަރު ބަޔާން މިއުނިކުގައި ހޭދަކުރުމަށްފަހު ރޮޑްރިގޭޒް އެނބުރި ރެއާލް އަށް އައިސްފައިވަނީ މިދިޔަ ސީޒަނުގައެވެ. ނަމަވެސް އެޓީމުގެ ފުރަތަމަ އެގާރައިން އޭނާ އަށް ގަވާއިދުން ޖާގަ ލިބެމުން ގޮސްފައިނުވާއިރު މިދިޔަ ސީޒަނުގައި އޭނާ ރެއާލް އަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ.

ރޮޑްރިގޭޒް އެވަޓަން އަށް ބަދަލުވާއިރު އެޓީމުގެ ކޯޗަކަށް މިހާރު ހުރި ކާލޯ އެންޗެލޯޓީ އަކީ މީގެކުރިން ރެއާލްގައި ރޮޑްރިގޭޒް އަށް އިރުޝާދު ދީފައިވާ ކޯޗެކެވެ. އެގޮތުން ރޮޑްރިގޭޒްގެ އެންމެ ބަރާބަރު ކުޅުން ރެއާލްގައި ފެނިގެން ގޮސްފައިވަނީ ވެސް އެންޗެލޯޓީ އެޓީމުގެ ކޯޗަކަށް ހުރި ދުވަސްވަރު އެވެ.

ރޮޑްރިގޭޒްގެ އިތުރުން އެވަޓަން އިން އަންނަނީ ނަޕޯލީގެ މިޑްފީލްޑަރު އެލަން އާއި ވޮޓްފޯޑަށް ކުޅެމުން އަންނަ ޑޮކޫރޭ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.