Last Updated: April 19, 17:23
Friday, April 19, 2024
ކުޅިވަރު

ނޭމާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެ ކްލަބުން ހާމަކޮށްފައިވީ ނަމަވެސް އެއީ ކޮން ކުޅުންތެރިންތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އެ ތިން ކުޅުންތެރިންގެ އެއް ކުޅުންތެރިއަކީ ނޭމާ އެވެ. އަދި އަނެއް ދެ ކުޅުންތެރިންނަކީ އެޓީމުގެ މިޑްފީލްޑަރު ޕަރޭޑެސް އާއި ޑިމަރިޔާ އެވެ. މި ތިން ކުޅުންތެރިން ވެސް މިވަގުތު ތިބީ ޗުއްޓީ ހޭދަކުރުމަށް ސްޕެއިންގައެވެ.

ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެ ތިން ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ކުޅުންތެރިން ހަތް ދުވަހުގެ މުއްދަތަކަށް ހޯމް ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ފްރާންސްގައި ކުޅުނު ހުރިހާ މުބާރާތެއް ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު އެޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުން އެޓީމުން ވަނީ ބަޔާން މިއުނިކާ ބައްދަލުކޮށް 1-0 އިން ބަލިވެފައެވެ.

ފްރެންޗް ލީގުގެ ކުޅުން އަނެއްކާވެސް ފަށާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ކުޅެފައިވާތީ އެޓީމަށް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އިތުރު 12 ދުވަސް ވަނީ ދީފައެވެ.