Last Updated: April 24, 12:21
Wednesday, April 24, 2024
ކުޅިވަރު

ރާމޯސްގެ އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބުގައި މަޑުކުރުމަކީ ބޭނުންވާ ގޮތް ކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ މިދިޔަ ހަފްތާގައި އެ ކްލަބަށް އަންގާފައިވާއިރު، އެ ކްލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން އޭނާ ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް މެސީ ވިއްކާލުމަށް ބާސާ އިން އަންނަނީ ދެކޮޅު ހަދަމުންނެވެ.

މިވަގުތު ސްޕެއިންގެ ގައުމީ ޓީމާއެކު ހުރި ރާމޯސް އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ކުރިމަގާ މެދު ގޮތް ނިންމުމުގެ ފުރިހަމަ އިހުތިޔާރު މެސީ އަށް ލިބިގެންވާ ކަމަށާއި ނަމަވެސް އޭނާ ބޭނުންވަނީ މެސީ ބާސާގައި މަޑުކުރަން ކަމަށެވެ.

އެގޮތުން ސްޕެނިޝް ލީގުގައި މޮޅެތި ކުޅުންތެރިން ތިބެން އަބަދުވެސް ބޭނުންވާ ކަމަށްވެސް ރާމޯސް ބުންޏެވެ.

ޓްރާންސްފާގެ މައްސަލައިގައި މެސީ އާއި ބާސާ ކޯޅުމަކަށް ގޮސްފައިވާއިރު، މެސީ ކްލަބު ދޫކޮށްލަން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގައި (އެއްވެސް ފީ އަކާއި ނުލައި) ކަމަށްވާއިރު، އޭނާ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.

ކޮންޓްރެކްޓުގައިވާ ގޮތުން މެސީ ބޭނުންވެއްޖެނަމަ ކޮންމެ ސީޒަނެއް ވެސް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ކްލަބަށް އެކަން އެންގުމަށްފަހު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. ބާސާ އިން ބުނާ ގޮތުން އެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގެ 10 ގެ ނިޔަލަށް ހަމަވެފައެވެ.

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ސީޒަން ނިމުން ލަސްވެފައިވާތީ ކޮންޓްރެކްޓުގެ އެ މާއްދާއަށް ބާސާ އިން އަމަލުކުރަންޖެހޭނެ ކަމަށް މެސީ ގަބޫލުކުރެއެވެ. ޓްރާންސްފާއާ ގުޅޭގޮތުން މެސީގެ އެޖެންޓް އަދި އޭނާގެ ބައްޕަ އިއްޔެ ބާސާގެ އިސްވެރިންނާއި ބައްދަލުކުރި ނަމަވެސް އެ ބައްދަލުވުން ވެސް ނިމިފައިވަނީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.