Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ފަހު ވަގުތު ސްޕެއިނުން ޖަރުމަނު ހިފަހައްޓައިފި

ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ނޭޝަންސް ލީގުގެ އޭ4 ގައި ހިމެނޭ މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ޓިމޯ ވާނާ ވަނީ ޖަރުމަނަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ޖަރުމަނަށް ފުރުސަތުތަކެއް ލިބިފައިވެއެވެ.

މެޗުގެ ފަހު 15 މިނެޓްތެރޭ ސްޕެއިނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ސްޕެއިނުން ތަނަވަސްކުރަމުންދިޔަ ފުރުސަތުތައް ޖަރުމަނުގެ ޑިފެންސްލައިނުން ހުއްޓުވަމުންދިޔަ ނަމަވެސް މެޗުގެ އެންމެފަހު ސިކުންތުކޮޅުތެރޭ ހޯޒޭ ގަޔާ ވަނީ ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް އޮވެ ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށްފަހު ވާދަވެރި މެޗެއްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ ޔުކްރޭން އާއި ސްވިޒަލޭންޑެވެ. އެ ދެ ޓީމުވެސް ރޭ ކުޅުނުއިރު އެ މެޗު 2-1 އިން ކާމިޔާބުކުރީ ޔުކްރޭނުންނެވެ.