Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ

2 މިލިއަން ފީފާގެ ތެޔޮ ހިފައިގެން އިންޑިއާއަށް ދަނިކޮށް ސްރީލަންކާގެ އިރުމަތީ ފަރާތު ބޭރުން ތެޔޮ ޓޭންކަަރެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލިފާން ރޯވެފައިވަނީ ކުވައިތުން އިންޑިއާ އަށް ދިޔަ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގައެވެ. އެ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އިންޑިއާގެ ހަތަރު މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއްގެ އިތުރުން ރަޝިއާގެ ދެ މަނަވަރެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސްރީލަންކާގެ ނޭވީގެ ތަރުޖަމާނު އިންޑިކާ ޑެ ސިލްވާ ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމަށް ކުރަމުންދާ މަސައްކަތަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު އޮތުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތެޔޮ ޓޭންކަރުގައި އަލިފާން ހިފިއިރު 23 ފަޅުވެރިން އޭގެއިން ދަތުރު ކުރިއިރު އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 18 މީހަކާއި، ގްރީކަށް ނިސްބަތްވާ 5 މީހެކެވެ. އޭގެ ތެރެއިން ފިލިޕީންސް އެކަކު ގެއްލިގެން ހޯދަމުން އަންނައިރު އިތުރު މީހަކަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ޓޭންކަރުން ތެޔޮ ކަނޑަށް އެޅެން ފަށައިފިނަމަ ތިމާވެށީގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައެވެ. އެގޮތުން ކަނޑަށް ތެޔޮ އެޅުން ބިނާވެފައި އޮންނާނީ ޓޭންކަރަށް ލިބިފައިވާ ގެއްލުމުގެ މައްޗަށް ކަމަށާއި ކަނޑަށް ތެޔޮ ލީކުނުވާނެ ހުރިހާ ގޮތްތަކެއް ބަލައި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.