Last Updated: April 25, 18:10
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑްގައި ކަންތައް ދިޔައީ އުނދަގޫކޮށް، އެނބުރި އާސެނަލަށް ދާން ބޭނުންވި

މެންޗެސްޓަރ ޔުނައިޓެޑްގައި ކަންކަން ދިޔައީ އުނދަގޫ ގޮތަކަށް ކަމަށާއި އެނބުރި އާސެނަލް އަށް ދާން ވެސް ބޭނުންވި ކަމަށް އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.

އާސެނަލްގައި މޮޅު ކުޅުމެއް ދެއްކި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު ސަންޗޭޒް އެންމެ ފުރަތަމަ ބަދަލުވުމާ ގާތަށް ގޮސްފައިވަނީ މެންޗެސްޓަރ ސިޓީ އަށް ނަމަވެސް ޔުނައިޓެޑުން ހުށަހެޅި ބޮޑު މުސާރައާއެކު އޭނާ ވަނީ ސިޓީ އަށް ނޫނެކޭ ބުނެ ޔުނައިޓެޑަށް ބަދަލުވެފައެވެ.

ޔުނައިޓެޑްގައި ސަންޗޭޒަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކުނުއިރު، ފަހުން އޭނާ ވަނީ ލޯނެއްގެ ދަށުން އިންޓަ މިލާނަށް ފޮނުވާލާފައެވެ. އަދި ދާދިފަހުން ޔުނައިޓެޑުން ވަނީ އިންޓަ މިލާނަށް އޭނާ ރަސްމީކޮށް ވިއްކާލާފައެވެ.

އިންސްޓަގްރާމްގައި ރޭ ސަންޗޭޒް އާންމުކުރި ވީޑިއޯއެއްގައި ވަނީ އެ ކްލަބުގައި ހޭދަކުރި އުނދަގޫ ދުވަސްތައް ހިއްސާކޮށްފައެވެ. އެގޮތުން ޔުނައިޓެޑަކީ ކުޑައިރުއްސުރެ ވެސް އޭނާ އަށް ކަމުދާ ކްލަބެއް ކަމަށާއި ނަމަވެސް އެ ކްލަބަށް ސޮއިކުރިއިރު އެ ކްލަބުގެ އެތެރޭގައި ހިނގަމުންދާ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދާފައި ނުވާ ކަމަށެވެ.

"ބައެއް ފަހަރު ކަންކަން މި އިނގެނީ އެތަނަކަށް ދިޔުމުން. އެގޮތުން ފުރަތަމަ ފަރިތަކުރުންތަކަށްފަހު ވަރަށް ގިނަ ކަންކަން އެނގިގެންދިޔަ. އެ ފަރިތަކުރުންތަކަށްފަހު ގެެއަށް ގޮސް އާއިލާ އާއި އެޖެންޓު ކައިރީ ވެސް އެހިން ޔުނައިޓެޑާއެކު ހެދި ކޮންޓްރެކްޓް އުވާލުމަށްފަހު އެނބުރި އާސެނަލް އަށް ނުދެވޭނެހޭ. ކަންކަން ރަނގަޅު ނޫންކަމުގެ އިހުސާސް ކުރެވުނު" ޗިލީ އަށް އުފަން ފޯވާޑް ބުންޏެވެ.

ޔުނައިޓެޑާއެކު ހޭދަކުރި ފުރަތަމަ މަސްތައް ދިޔައީ އެ އިހުސާސްތަކާ އެކީގައި ކަމަށާއި ކްލަބުގެ މާހައުލު އޭރު އޮތީ އާއިލާއެއްގެ ގޮތުގައި ނޫން ކަމަށްވެސް ސަންޗޭޒް ބުންޏެވެ. އަދި ކަންކަން ދަނޑު މަތީގައި ވެސް ދިޔައީ އެކަހަލަ ގޮތަކަށް ކަމަށާއި ކަންކަން ރަނގަޅަށް ނުދިޔުމުން ހުރިހާ ކަމެއް ވެސް ނޫސްވެރިން އޭނާގެ ބޮލަށް ޖެހީ ކަމަށްވެސް ސަންޗޭޒް ބުންޏެވެ.