Last Updated: September 18, 22:02
Saturday, September 19, 2020
ރިޕޯޓް

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ.

މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކޮވިޑް ކޯލްސެންޓަރަށް ދިޔަ އަޅުގަނޑާއި، އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެންދިޔައީ ތަފާތު އިހުސާސްތަކެކެވެ.

ކޯލް ސެންޓަރަށް ދިޔަ ނޫސްވެރިން އެތަނަށް ވަން ތާ އެތައް އިރެއްވިއިރު ވެސް، އެ ތަނަށް ބީރަށްޓެހި ބަޔަކު އަތުވެއްޖެކަން އެ މީހުންނަށް އިހުސާސް ވެސް ނުކުރެވެއެވެ. އެތަނުގައި އެއްތަރުތީބަކަށް އަތުރާފައިވާ ސިސްޓަމްތައް ކައިރީގައި އިށީނދެނގެން އިން ކޮންމެ މުވައްޒަފަކު ވެސް އެ މުވައްޒަފެއްގެ ޒިންމާ ފުރިހަމަކުރުމުގައި އުޅުނީ އެހާމެ އަވަދިނެތިއެވެ.

މަދު މުވައްޒަފުންކޮޅަކާ އެކު އަދާކުރާ ބުރަ، ބަރު ޒިންމާއެއް!

ކޮވިޑް-19އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމާއި، ކޮވިޑް-19ގެ އަލާމާތްތައް ރިޕޯޓްކުރުމަށާ، މި ނޫނަސް އެ ބައްޔާ ގުޅުން ހުރި އެކި ކަންކަމާ މެދު މުއާމަލާތުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، ކޮވިޑް ހޮޓްލައިންއެއް ތަޢާރަފްކުރީ މިދިޔަ މާރޗ 7 ވަނަ ދުވަހުއެވެ.

ހިލޭ ގުޅޭ ނަމްބަރު، "1676" އާ އެކު އެ ޚިދުމަތް ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް އަބަދުމެ އިވޭ ޝަކުވާއަކީ ކޯލް ސެންޓަރުގެ މަސައްކަތްތައް ލަސްކަމުގެ ވާހަކައެވެ. ފޯނަށް ޖަވާބުދާރީ ނުވެވޭ ވާހަކައެވެ. ކޯލް ސެންޓަރުގެ ޚިދުމަތުގެ ފެންވަރާ މެދު މީސްމީޑިއާގައި ކޮންމެވެސް މީހަކު ޝަކުވާއެއް ބަންޑުންކޮށް ނުލާ ދުވަހެއް މަދުވާނެއެވެ.

އެހެންނަމަވެސް ކޮވިޑް ކޯލް ސެންޓަރުގެ ކޯލްތަކުގެ އަނެއް ފަޅިން އިވޭ އަޑުތަކުގެ ފަހަތުގައި ވަނީ ބުރަ ޒިންމާއެއް އަދާކުރާ ހީވާގި މުވައްޒަފުންކޮޅެކެވެ. ހެނދުނު 08:00ގައި ފަށާ ގޮތަށް، ކޯލް ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭ ވަރުވަނީ ކޮންމެ ރެއަކުވެސް ދަންވަރު 01:00ގެ ފަހުންނެވެ.

ކޯލް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ އަޒްމީން ވިދާޅުވީ ކޯލް ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ދާނީ، 4 ދަންފަޅި އަށް ބަހާލައިގެން ކަމަށެވެ.

އޭގެ ތެރެއިން ކޮންމެ ދަންފަޅިއެއްގައި ވެސް 10-15 ކުދިންނާއި ސުޕަރވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2 މީހުން ހިމެނޭ ކަމަށް އަޒްމީން ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް މަދުވެގެން 2000 ކޯލްއަށް ޖަވާބުދާރީވާ އިރު ކޮންމެ މުވައްޒަފަކަށް ދުވާލަކު އެވްރެޖްކޮށް 100 ވަރަކަށް ކޯލް ނަގަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެޓެންޑް ނުވެވޭ ކޯލްސްތަކަށް ކޯލްބެކް ކުރާނެ. ގުޅާ ނުލެވޭ ކޯލްސްތަކަށް އެޓެންޑުވާނެ ޖެހިގެން އަންނަ ދުވަހު،" އަޒްމީން ވިދާޅުވި އެވެ.

އެކަމަކު ކޯލް ސެންޓަރުގެ މުވައްޒަފުން ހިތްދަތިވާ ކަހަލަ ކަންކަމާ ވެސް އާންމުކޮށް ދިމާވެ އެވެ. ރުޅިއައިސް ތިބޭ މީހުންގެ ކޯލްތައް އަޑުއެހުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެކަމަކު ކެތްތެރިކަމާ އެކު އަޑުއަހަން ތިބެ އެވެ.

"އެކަހަލަ ކޯލް ވެސް އެ ބޭފުޅުން އެ ދައްކާ ވާހަކަ އަޑު އަހަން. އެކަމަކު ވެސް ނޯވޭ 20-30 މިނިޓް ވަންދެން ހަޅޭއްލަވަން ހަޑި ހުތުރުބަހުން މުއާމަލާތުކުރަން ފުރުސަތު ދެވޭކަށް،" އަޒްމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވަނީ މަދުން ނަމަވެސް ކޮވިޑް ހޮޓްލައިންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާތީ، އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން މެޑިކަލް އެމަޖެންސީގެ ދަށުން ހުށަހަން ޖެހެނީ، އަވަހަށް ހައްލު ބޭނުންވާ ސިއްހީ ކަންކަން އެކަނި ކަމަށް ވީ ނަމަވެސް، މާލެއިން ރަށަށް ދާން ބޭނުންވާ ހުއްދަ ނުލިބިގެން ވެސް ބައެއް މީހުން މެޑިކަލް އެމަޖެންސީގެ ގޮތުގައި މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އަމަލުކުރުމުން، އެމަރޖެންސީގައި ސިއްހީ އެހީތެރިކަން ބޭނުންވާ މީހާގެ ކޯލް އަށް ޖަވާބުދާރީ ނުވެވި ލަސްވާތީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އޭނާ އެދިވަޑައިގަނެ އެވެ.

ކޮވިޑްއާ ގުޅުން ނެތް ބައެއް ކަންކަމުގައި ވެސް ކޮވިޑް ހޮޓްލައިން އަށް ގުޅަ އެވެ.

"މާލޭގެ ކޯޓަކުން ރަށެއްގެ ކޯޓަކަށް ފޮނުވާ ވަރީގެ ސެޓްފިކެޓެއް. އެ ސެޓްފިކެޓް އެ ރަށެއްގެ ކޯޓުން ގަބޫލުނުކުރާތީއޭ ކިޔާފައި 1676 އަށް ގުޅާފައި، އެ ކޯލަށް އެބަ ރުޅި އައިސްގެން ހަޅޭއްލަވާ، އެ ކޯލާގެ 15 ވަރަކަށް މިނިޓް ވަންދެން އޭނަ ހިތު ހުރިހާ އެއްޗެއް އެބަ ކިޔާ،" ކޯލް ސެންޓަރަށް ކުރިމަތިވާ މައްސަލަތަކުން ބައެއް މިސާލުތައް ނަންގަވަމުން އަޒްމީން ވިދާޅުވިއެވެ.

ކޯލް ސެންޓަރަށް ނޫސްވެރިން ޒިޔާރަތްކުރި ދުވަހުގެ ކުރީގެ 24 ގަޑި އިރު އެވްރެޖްކޮށް ކޯލެއްގައި ހޭދަވީ، 4:46 މިނިޓެވެ. އަދި އެވްރެޖް ވެއިޓިން ޓައިމް އަކީ 01:44 މިނިޓެވެ. މީގެ އިތުރުން ކޯލްގައި މަޑުކުރަން ޖެހުމުން ކޯލްބެކް ކުރަން އެދިފައި ވަނީ 5 -10މީހުންނެވެ.

މަސައްކަތްތައް ވިލަރެސްކުރަނީ ވަރަށް ރަނގަޅަށް ރާވާ، އިންތިޒާމްކޮށްގެން

ކޯލް ސެންޓަރުގެ މަސައްކަތްތަކާ މެދު ފާހަގަކުރެވުނު އަނެއް ކަމަކީ، ރާވާ، އިންތިޒާމްކޮށްފައިވާ ގޮތުގެ ފުރިހަމަކަމެވެ. އެގޮތުން ބަލ ާނަމަ، ކުރިއަށްދާ ގޮތް ހަރުދަނާކުރުމަށް، ކޮންމެ ޝިފްޓެއްގެ މަސައްކަތް ފެށުމަށާއި، ނިންމުމަށް ހުރިހާ މުވައްޒަފުން އެކުގައި ބާއްވާ ބައްދަލުވުމެއް އޮވެއެވެ.

ކޮވިޑް ހޮޓްލައިންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް، ބެލެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް އެ ބައްދަލުވުމުގައި، މަސައްކަތް ފެށުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި، އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކެއް ވާ ނަމަ، އެކަން މުވައްޒަފުންނާ ހިއްސާކުރެއެވެ.

ކޯލް ސެންޓަރުގެ ސުޕަރވައިޒަރ ބިޝާރާ އާދަމް ވިދާޅުވީ އެ ބައްދަލުވުމުގައި ކޮންމެ ދުވަހެއްގެ އެ ދުވަހެއްގެ މަސައްކަތުގެ ތަޖުރިބާއިން އިސްލާހު ކުރަން ހުރި ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ބުނެދޭ ކަމަށެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި، އެއްދަންފަޅީގައި ކުރި މަސައްކަތްތައް އަނެއް ދަންފަޅީގެ ކުދިންނަށް ބުނެދިނުމާއި، އެދުވަހަކު މުވައްޒަފުން މަސައްކަތް ކުރާނެ ސްޓޭޝަންތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ޝިފްޓެއްގައި ވެސް ގެންނާނެ އަރޖެންޓްކޮށް އެޓެންޑުވާން ޖެހޭ ކަހަލަ ބައެއް ނަމްބާސް، މިސާލަކަށް އަރޖެންޓްކޮށް ތަނަކަށް ދާން ޖެހޭ މީހެއްގެ ހުއްދައެއް ބޭނުންވާ ހާލަތެއްގައި، އަރޖެންޓްކޮށް ޑޮކްޓަރުގެ އެހީތެރިކަން ބޭނުންވެއްޖެ ކޭސްއެއްގައި ވެސް އެކަހަލަ ކޭސްތައް މިކޮޅުގެ ޑޮކްޓަރސްގެ ޓީމަށް އިންފޯމްކޮށް، އިތުރު ކްލަސްޓަރތަކަށް ޕާސްކޮށް ދޭންޖެހޭ މެސެޖް ޕާސްކޮށްދީ، ޑެއިލީކޮށް އެޓެންޑްވާން ޖެހޭ ކޭސްތަކަށް އެޓެންޑުވެފައި ކޮންމެ ދުވަހެއްވެސް ދާނީ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް ހޮޓްލައިން އަށް އަންނަ އެތައް ހާސް ކޯލްއެއްގެ ތެރެއިން އެންމެ ގިނަ މީހުން ކޯލް ސެންޓަރަށް ގުޅަނީ މާލެއިން ރަށަށް ދާން ބޭނުންވެގެން ކަމަށް ބިޝާރާ ވިދާޅުވި އެވެ.

އެގޮތަށް ގުޅާ ބައެއް މީހުން އެޗްޕީއޭގެ ހުއްދަ ލިބުމުގެ ކުރިން ފުރަން ޓިކެޓް ނަގާކަމަށާ، ހުއްދަ ނުލިބެނީސް ޓިކެޓް ނެގުމުން އިތުރު ދަތިތަކާއި އާއްމުންނަށް ކުރިމަތިލާން ޖެހޭކަން ބިޝާރާ ފާހަގަކުރެއްވިއެވެ.

ރަށްރަށަށް ބޭނުންވާ ޑޮކިއުމެންޓް ދިނުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމުމަށް ވަގުތު ނަގާނެގިޔަސް އެ ޑޮކިއުމެންޓެސް ލިބުމުގެ ކުރިން ޓިކެޓް ނުނަގަން ބިޝާރާ ވަނީ އާއްމުންނަށް އިލްތިމާސްކުރައްވާފައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް ހޮޓްލައިން އަށް ގުޅަނީ ފައްސިވާ މީހުންނާ ގުޅުން ހުރި އެކި ކަންކަމުގައި ކަމަށް ވެސް ބިޝާރާ ވިދާޅުވިއެވެ.

މަސައްކަތުގައި ގޮންޖެހުންތައް ގިނަ، އެކަމަކު އަޒުމަކަށް ބަދަލެއް ނާދޭ

ކޯލް ސެންޓަރުގައި ކުރާ މަސައްކަތަކީ ފިނިކޮޓަރިއެއްގައި ތިބެގެން ކުރާ، ފަސޭހަ މަސައްކަތެއް ކަމަށް ހީވެފައި އޮތަސް އެއީ އެއަށް ވުރެ މާ ބުރަ މަސައްކަތެކެވެ.

ކޮވިޑް ކޯލް ސެންޓަރުގެ ކޮންމެ މުވައްޒަފަކު ވެސް 8 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި އާއްމުކޮށް ހޭދަކުރާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިސާކުރަނީ ހިތްހަމަނުޖެހުމާއި، ނުތަނަވަސްވުން އެކުލެވޭ ވާހަކަތަކުގެ ތެރޭގަ އެވެ.

ބައެއް ފަހަރު އެއީ ބައްޔަށް ފައްސިވާ މީހުން ކަރަންޓީނަށް ގެންދިއުމުގައި ލަސްވުމުގެ ޝަކުވާތަކެވެ. އަނެއްބައި ފަހަރު ސުންކު (ސާމްޕަލް) އާ ގުޅުން ހުރި ޝަކުވާތަކެވެ. އަދި ކަރަންޓީނުކުރުމާއި ރަށަށް ދާން ބޭނުންވާ ލިޔުންތައް ހޯދުމާއި، މި ނޫނަސް ކޮވިޑް-19 އާ ގުޅުން ހުރި އެތައް ޝަކުވާއެކެވެ.

ކޯލް ސެންޓަރުގައި މަސައްކަތް ކުރުމަކީ ހަގީގަތުގައި އުނދަގުލަކާއި ތަކުލީފުތަކަކާ ވެސް ކުރިމަތިލާން ޖެހުމެވެ.

ކޯލްސެންޓަރުގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް މަދީން ބުނީ ބައެއް ފަހަރު އާއްމު މީހުންގެ ވާހަކަ އަޑު އިވި، ވަރަށް ދެރަވާ ކަމަށެވެ. އެ މީހުންނަށް ކޮށްދެވޭނެ އިތުރުކަމެއް އޮންނާނެ ނަމައޭ ހިތަށް އަރާ ފަހަރު ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ.

އެތަނުގެ ކޮންމެ މުވައްޒަފަކު ވެސް މަސައްކަތްކުރަނީ، އޭނާ ބުނި ގޮތުގައި، ވީހާވެސް ސައްހަ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދޭށެވެ.

"ބޮލަށް ބަރުވެފައި ހުންނަ ގޮތަކަށް މިވަގުތު ވެސް އިހުސާސް ކުރެވޭ. ދެން ގިނަ ފަހަރު ހުންނަނީ އެހެން. އެކި ކޯލާސްގެ ކޮންސަރންސް މިކްސްވެފައި ހުންނަނީ ބޮލުތެރޭ. އެ މީހުންގެ ކަންކަން ނުވެ އެހާ ދުވަސް ވީމަ އެ މީހުންގެ ޝަކުވާ، ބައެއް ފަހަރު ދެރަ ވެސް ވޭ. ހިތަށ ްވެސް އަރާ ގުޅާލާ ގަޑީގައި އެކަން ވެސް ކޮށްލަދޭން،" މަދީން ބުންޏެވެ.

އަންހެން މުވައްޒަފަކު ބުނީ އެންމެ އުނދަނގޫ ކަމަކީ، ހަޑި ހުތުރުބަހުން މުއާމަލާތު ކުރުމާއި، ފުރައްސާރައިގެ އެތައް އަމަލެއް ތަހައްމަލްކުރަން ޖެހުން ކަމަށެވެ.

"ވަރަށް ރުޅިއައިސްގެން ގުޅާ މީހުން ގިނައީ. ކަންކަން ނުވެގެން. ވަރަށް ރުޅިއައިސްގެން. ގުޅާލާފައި ވަރަށް އެއްޗެހި ކިޔާނެ. ކޮންމެ ގޮތެއް ވިޔަސް ނަން ވެސް ބުނަން ޖެހޭ،" އޭނާ ކިޔައިދިނެވެ.

ކޯލް ސެންޓަރުގެ މުވައްޒަފުން އެފަދަ ކިތައްމެ ކަމަކާ ކޮންމެ ދުވަހަކު ވެސް ކުރިމަތިވެއެވެ. ކެތްތެރިކަން ކޮޅުންލާނެ ކިތަންމެ ކަމެއް ތަކުރާރު ވެސް ވެ އެވެ. އެކަމަކު މަސައްކަތަށް ނުކުންނަނީ، ހިތްވަރާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގަ އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކޯލް ސެންޓަރަކީ ފަރުދާގެ ފުރަގަހުގައި އެންމެ މުހިންމު ޒިންމާ އަދާކުރާ އެއް ތަންކަމެވެ. ކޯލް ސެންޓަރުގެ މުވައްޒަފުންގެ ލޯބިވާ އާއިލާއާ ދުރުގައި ކުރާ މިންނެތް މަސައްކަތުގެ އަގުވަޒަން ކުރަން އެބަ ޖެހެ އެވެ. އަދި މިކަމުގައި އަރައިގަތުމުގެ އަޒުމް، އާންމުންގެ ނެތް ނަމަ، މި ނުރައްކަލުން، މި ހިތާމައިން ސަލާމަތެއް ނުވެވޭނެ އެވެ. "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށް ނުހަދައި، މި މުޖުތަމައުއަށް އަލުން ހިތްހަމަޖެހުން ގެނެވޭކަށް ނެތެވެ.