Last Updated: April 18, 06:02
Thursday, April 18, 2024
ކުޅިވަރު

ނިންމުން ބަދަލުކޮށް މެސީ ބާސާގައި މަޑުކޮށްފި

ބާސެލޯނާ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް ލިއޮނަލް މެސީ އެ ކްލަބުގައި މަޑުކުރަން އެންމެފަހުން ނިންމައިފިއެވެ.

މެސީ މިކަން ހާމަކުރީ "ގޯލް ސްޕެއިން" އަށް ދިން އިންޓަވިއުއެއްގައެވެ. އެގޮތުން މެސީ ބުނީ ކްލަބުގައި މަޑުކުރަން ނިންމީ އެ ކްލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

"އަހަރެން ކްލަބުގައި މަޑުކުރާނަން. ބާސާގެ ރައީސް ބުނެފި 700 މިލިއަން ޔޫރޯ ކްލަބަކުން ދެއްކީމައޭ ދެވޭނީ. އެއީ ވާނެ ކަމެއް ނޫން. ދެން އޮތީ ކްލަބު ގޮވައިގެން ކޯޓަށް ދިޔުން. އެކަމަކު ބާސާއާ ދެކޮޅަށް ދުވަހަކުވެސް ކޯޓަަކަށް ނުދާނަން" މެސީ ބުންޏެވެ.

މި ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެ ކްލަބަށް އެންގީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މެސީ މެސީ ކްލަބު ދޫކޮށްލަން ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައި (އެއްވެސް ފީ އަކާއި ނުލައި) ކަމަށްވާއިރު، އޭނާ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.

ކޮންޓްރެކްޓުގައިވާ ގޮތުން މެސީ ބޭނުންވެއްޖެނަމަ ކޮންމެ ސީޒަނެއް ވެސް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ކްލަބަށް އެކަން އެންގުމަށްފަހު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. ބާސާ އިން ބުނާ ގޮތުން އެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގެ 10 ގެ ނިޔަލަށް ހަމަވެފައެވެ.

އެހެންކަމުން އެހެން ކްލަބަކަށް އޭނާ އަށް ބަދަލުވެވޭނީ ކޮންޓްރެކްޓުގައިވާ ރިލީޒް ކްލައުސް ކަމަށްވާ 700 މިލިއަން ޔޫރޯ އޭނާ ގެންނަން ބޭނުންވާ ކްލަބުން ދެއްކުމުން ކަމަށް ބާސާ އިން ވަނީ މެސީ އަށް އަންގާފައެވެ. މި މައްސަލައިގައި ބާސާއާ އެއްކޮޅަށް ސްޕެނިޝް ލީގުން ވެސް ވަނީ އަރާފައެވެ.

މެސީގެ ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނަށްފަހު ނިމޭއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާނަމަ ދެން ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެވޭނެއެވެ. ބާސާ ދޫކޮށްލުމަށްފަހު މިފަހަރު މެސީ ބަދަލުވާން މަސައްކަތް ކުރީ އޭނާއަށް ކުރިން ކޯޗުކޮށްދިން ޕެޕް ގާޑިޔޯލާ މިހާރު ހަވާލުވެފައިވާ މެންޗެސްޓަރ ސިޓީ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 634 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.