Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ކައި ހަވެޓްޒް ޗެލްސީ އަށް ސޮއިކޮށްފި

ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކައި ހަވެޓްޒް ޗެލްސީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ހަވެޓްޒް ޗެލްސީ އަށް ސޮއިކޮށްފައިވަނީ 71 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ހަވެޓްޒް އަކީ ދެވަނަ އަށް ޗެލްސީ އަށް އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއެވެ.

ޗެލްސީ އަށް ބަދަލުވުމަށްފަހު ހަވެޓްޒް ބުނީ އެ ކްލަބަށް ބަދަލުވެވުމުން އުފާކުރާ ކަމަށާއި ޗެލްސީ ކަހަލަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

ލެވަކޫސަންގައި ގިނަ އަހަރުތަކެއް ހަވެޓްޒް ހޭދަކުރިއިރު އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 118 މެޗުގައި 36 ގޯލު ކާމިޔާބުކޮށްދީ 25 އެސިސްޓް ހަދާފައެވެ. ހަވެޓްޒް އަކީ މި ޓްރާންސްފާ މާކެޓުގައި ޗެލްސީން ގެނައި ހަވަނަ ކުޅުންތެރިއާއެވެ.

މީގެކުރިން އެ ކްލަބުން ވަނީ އަޔެކްސް އަށް ކުޅެމުން އައި ހާކިމް ޒިޔެކް އާއި ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އާއި ލެސްޓަ ސިޓީ އަށް ކުޅެމުން އައި އިނގިރޭސިވިލާތުގެ ޑިފެންޑަރު ބެން ޗިލްވެލްގެ އިތުރުން ނީސް އަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި ޕީއެސްޖީ އަށް ކުޅެމުން އައި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ވެސް ގެނެސްފައެވެ.

މީގެއިތުރުން ޗެލްސީން އަންނަނީ މި ޓްރާންސްފާ މާކެޓުގައި އިތުރު ޑިފެންޑަރަކާއި ގޯލްކީޕަރެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.