Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލްގެ އެހީގައި ކެލާ ސްކޫލަށް ފިނި ޕާކެއް

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފިއެވެ.

ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ 'ކެލާ ސްކޫލް ފިނި ޕާކް' އެވެ.

ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި މިވަނީ ބެލެނިވެރިން އިށީނދެގެން ތިބުމަށް ބެންޗުތަކެއް ބަހައްޓާފައެވެ. އަދި ސްކޫލްއަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދުވަނީ ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި އައިޑިއާސް ޖަމިއްޔާ އިން ބުނީ ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިންވެސް އަދި ސްކޫލް ދަރިވަރުންވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެންޖެހެނީ ކޮޅަށް ކަމަށާއި އަދި ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގަ. އެ ގޮތުން ސްކޫލު ސަރަހައްދުގައި ހުރި ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިންނަށް ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަައި އަދި ބައިސްކަލްތައް ބެހެއްޓުމަށް ހާއްސަ ޕާކިންގެ އޭރިއާއެއް ހަދަން ނިންމީ އަޅުގަނޑުމެންގެ ތެރޭކުރެވުނު މަޝްވަރާތަކަށްފަހު. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ" އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ. މި ފިޔަވަހީގެ ދަށުން 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.