Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ގޮތް ނޭނގޭ މެއިލްތަކާއި ހުރެ ބީއެމްއެލް އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް!

ގޮތް ނޭނގޭ އީމެއިލް ނުވަތަ "ފިޝިން އީމެއިލް" ތަކުގެ ސަބަބުން ބީއެމްއެލް އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބައެއް ކަސްޓަމަރުންގެ އެކައުންޓުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާފައިވާކަަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ބޭންކުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ނޭގޭ މުއާމަލާތްތަކެއް ބޭރުގެ ބައެއް ސައިޓްތަކަށް ހެދިފައިވާތީ އާއި މި ފައިސާ އެކައުންޓުން ކެނޑިފައިވާތީ އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

"މިއީ އެއްވެސް ގޮތަކަށް ބޭންކުގެ ސިސްޓަމްގެ މައްސަލައަކާ ގުޅިގެން ކެނޑިފައިވާ ފައިސާ އެއް ނޫންކަމުގެ ޔަގީންކަން އަރުވަން. އެކައުންޓުން ކަސްޓަމަރަށް ނޭގޭ މުއާމަލާތެއްކޮށްފައިވާނަމަ، 'ޓްރާންސެކްޝަން ޑިސްޕިއުޓް' ފޯމު ހުށަހެޅެއްވުމަށް ދަންނަވަން. ގޮތް ނޭގޭ އީމެއިލް އަދި ކާކުކަން ނޭގޭ ފަރާތްތަކުން ފޮނުވާ އީމެއިލް އަށް ޖަވާބު ނުދެއްވުމަށާއި މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކްތައް ބޭނުން ނުކުރުމަށް ކަސްޓަަމަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަން" ސައީދު ވިދާޅުވިއެވެ.

އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެކެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އެކައުންޓްތައް (ޕޭޕަލް އަދި އެމޭޒަން ފަދަ) އެކައުންޓްގެ މަޢުލޫމާތު ހޯދައެވެ. ސައްހަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކްވެސް އީމެއިލް މެދުވެރިކޮށް ފޮނުވައިގެން މިފަދަ މަޢުލޫމާތު ހޯދުމަށް ބޭނުންކުރެއެވެ.

މީގެ އިތުރުން ބައެއް އެކައުންޓްތަކުން ހޯލްޑްވެފައި ހުރި ފައިސާ ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ފޮނުވުމަށްފަހު މީގެ ދެ ދުވަސްކުރިން އެކައުންޓުން ކަނޑާފައިވާނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

" ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުންކޮށްފައިވާ ބައެއް މުޢާމަލާތްތަކަށް ނުކެނޑި ހުރި ފައިސާ ކެނޑުމުގެ ކުރިން 4 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެސްއެމްއެސް އެއް ވާނީ ފޮނުވިފަ. ބޭންކުން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައިވާނީ މި މުޢާމަލާތްތަކަކީ ކަސްޓަމަރުން ހަދާފައިވާ މުޢާމަލާތްތައްކަމާއި އެކައުންޓުން އެ ފައިސާ މީގެ ކުރިން ކެނޑިފައިވާ ނުވާކަން ކަށަވަރުކޮށްފަ. މި މުޢާމަލާތްތައް އެކައުންޓުން ދެފަހަރު ކެނޑިފައިނުވާނެ. ކަސްޓަމަރުންނަށް އެކައުންޓުން ކެނޑިފައިވާ މުޢާމަލާތުގެ ތަފްސީލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެ." ސައީދު ވިދާޅުވިއެވެ.