Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑަށް ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ

ކޮވިޑް-19 އަށް ދުނިޔެ އިން ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ ވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭ އެކަނި އެގައުމުން ވަނީ 90،802 މީހުން ބައްޔަށް ޕޮޒިޓިވްވެ، 1016 މީހުން މަރުވެފައެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މި އަދަދުތަކާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4.2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 71،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ ވެފައިވާއިރު، ކުރިން އެ މަގާމުގައި އޮތީ ބްރެޒިލް އެވެ. އެގޮތުން ބްރެޒިލް އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 4.1 މިލިއަންގައެވެ. މި ބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިން ކަމަށްވާއިރު އެގައުމުން ވަނީ ހަ މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ގައުމަކީ ވެސް އެމެރިކާ އެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުންދާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވިގެން ރިޕޯޓުކޮށްފައިވަނީ އިންޑިއާގެ ފަސް ސްޓޭޓަކުންނެވެ. އެއީ މަހާރަޝްތްރާ އާއި އަންދްރަ ޕްރަދޭޝް އާއި ޓެމިލް ނާޑޫ އާއި ކަރްނާޓަކާގެ އިތުރުން އުއްތަރް ޕްރަދޭޝް އިންނެވެ.