Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ނެދަލޭންޑްސް އަތުން އިޓަލީ މޮޅުވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން އިޓަލީން ނެދަލެންޑްސްގެ މައްޗަށް 1-0 އިން ކުރި ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ ވަނީ ބޮސްނިޔާއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފައެވެ. އަދި މުބާރާތުގެ ފައިނަލުގައި އެންމެފަހުން ކުޅުނު ނެދަލެންޑްސް ފުރަތަމަ މެޗުން ވަނީ ޕޮލެންޑް އަތުން 1-0 އިން މޮޅުވެފައެވެ.

ނެދަލޭންޑްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އިޓަލީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިޓަލީން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭގައެވެ. އެގޮތުން އިމޯބިލޭ ނަގައިދިން ހުރަހަކުން މި ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ނިކޮލޯ ބަރެއްލާއެވެ.

މި ގޯލަށްފަހު ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ވެސް އިޓަލީ އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މި މެޗުގައި ނެދަލޭންޑްސް އަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފްގެ ކުރީކޮޅުއެވެ. ނަމަވެސް އެޓީމުގެ ވެންޑަބީކް ފޮނުވާލި ހަމަލާ އިޓަލީގެ ޒުވާން ކީޕަރު ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ޕޮލެންޑް ވަނީ ރަށުން ބޭރުގައި 2-1 އިން ބޮސްނިއާގެ މައްޗަށް ކުރި ހޯދާފައެވެ.