Last Updated: April 23, 21:11
Tuesday, April 23, 2024
ވިޔަފާރި

ލޯނުތައް ފަސްކޮށްދޭން ދެވަނަ ފަހަރަށް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް
ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

ބީއެމްއެލްގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަފަހަރަށް އެދި ހުށަހަޅެނޭއެވެ. މި ޕޯޓަލްގައި ދެވަނަފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނިފައިވާނެއެވެ. އަދި ދެވަނަ ފަހަރަށް ލޯނަށް އަނބުރާދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލު ވެސް ފެންނާނެއެވެ.

ލޯނު އަނބުރާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެއެވެ.

ބީއެމްއެލް އިން ވަނީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު 8 އޮކްޓޯބަރު އަދި 8 ނޮވެމްބަރުގައި ހުޅުވާލެވޭނެ ކަމަށްވެސް ބުނެފައެވެ.

ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.