Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މި ހާލަތު އެއްގޮތަކަށް ވެސް "އޯކޭ"އެއް ނޫން!

އޯޓިޒަމް ހުންނަ އެކުއްޖާއަށް ވާ ހަކަދައްކާކަށް ކުރިއަކުން ނޭނގެއެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އެތައް އިރެއް ވާންދެން އިނދެއެވެ. އަމިއްލަ ބޭނުންތައް ވެސް ބުނެދޭކަށް ނޭނގެއެވެ. އެކަމަކު މީގެ އަހަރެއް ކުރިން ހޮސްޕިޓަލުން ދޭން ފެށި ތެރަޕީތަކުން ރަނގަޅު ބަދަލުތަކެއް ފެންނާން ފެށިއެވެ. ބައެއް ބަސްތައް ކިޔަން ފެށިއެވެ. ބޭނުންވާ ކަންކަން އިޝާރާތުން ކިޔައިދެ އެވެ. މުޅި އާއިލާއަށް އުފާވެރިކަން ގެނުވި އެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ. އެކަމަކު އެ ކުރިއެރުންތަކަށް ހުރަހަކަށް ވީ ކޮވިޑް-19 އެވެ. ފަރުވާތެރިކަމާ އެކު ދެމުން އައި ތެރަޕީތައް ހުއްޓުމާ އެކު ކުއްޖާގެ ކުރިއެރުންތަކަށް ވެސް ހުރަސްއެޅުނެވެ. މިއަދު އޮންލައިންކޮށް ތެރަޕީތައް ނަގަމުން އައި ނަމަވެސް ފުރިހަމަ ނަތީޖާއެއް ނުފެނެއެވެ. އެކުއްޖާގެ ފަރުވާއަށް ހުރަހަކަށް ވީ ކޮވިޑެވެ. މި ހާލަތެވެ.

މިއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. ކޮވިޑުގެ މި ހާލަތާ ގުޅިގެން ފަރުވާގެ ފުރުސަތުން މަހުރޫމް ވެފައި ތިބޭނީ އެފަދަ ކިތައް ކުދީންތޯ އެވެ؟ އެކަމުގެ ހިތާމަ ކުރަމުން ގެންދާނީ ކިތައް މަންމަ އާއި ކިތައް ބައްޕަ ހެއްޔެވެ؟

މިދިޔަ މަހު އެކަނި ވެސް ރާއްޖެއިން 4000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. ރާއްޖޭގައި މިބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ 8500 އިންމައްޗަށް އަރަ އެވެ. ދުވާލަކު 100 އަށް ވުރެ ގިނަ މީހުން އެބަ ޕޮޒިޓިވް ވެ އެވެ.

އެންމެ ފަހުން އަތޮޅު ތެރެއަށް ވެސް ބަލިފެތުރެމުން އެދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. މިހާރުވެސް 35 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 98 މީހަކު އެބަ ތިއްބެވެ. ދެ ރަށެއް އޮތީ މޮނީޓަރިންގައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 30 އަށް އަރަނީ އެވެ.

ހާލަތުގެ ނާޒުކުކަން ވަރަށް ވެސް ބޮޑެވެ. އިތުރު މީހުން މަރުވެ، ހާލަތު އަދިވެސް ދަށަށް ދާނެ ކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ގައުމުގެ ހަ ފަރާތުން ދަނީ އިވެމުންނެވެ. މި އަޑުތަކާއި ފާއިތުވި ހައެއްކަ މަހުން ލިބުނު ތަޖުރިބާއަށް ބަލާއިރު، ސަމާލުވާން ޖެހޭ ކަންކަން ގިނައެވެ. ފަރުދީ ފެންވަރުގައި ވެވުނު އިހުމާލުން ހޯދަން ޖެހޭ އިބުރަތް ގިނައެވެ. ގައުމު އޮޔާ ދާން ދޫކޮށްލުން "އޯކޭ" ވެގެން ވާކަށް ނެތެވެ.

ގައިދުރުކަމެއް ނެތި، ރެ އާއި ދުވާލު ޒުވާނުން އެތިބެނީ ކޮފީގައެވެ. ކެފޭ ރެސްޓޯރެންޓުތައް އޮންނަނީ ފުރި ބާރުވެފައެވެ. އެކުވެރި ރަހުމަތްތެރީންނާއި އާއިލާތައް ޓީމު ޓީމަށް ބީޗުތަކަށް ޕިކުނިކު ދިއުމާއި ޕާޓީތައް ބޭއްވުން މިއޮތީ އާންމު ކަމަކަށް ވެފައެވެ. މަގުތަކަށް ބެލި ނަމަވެސް ހަމަ އެމަންޒަރެވެ. ފިނިބުރު ޖަހައިލަން ނުކުމެ އުޅޭ މީހުންގެ އަދަދު ވެސް އެތައް ހާހަކުން ގުނޭނެ އެވެ. ޒުވާނުން ވީމާ ބަލީގެ ނުރައްކަލެއް ނެތޭ ބުނެ ފަރުޖައްސައިލަގެން ތިބެވޭކަށް ނެތެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދުން ބަލާ ނަމަ މެޖޯރިޓީއަކީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުންނެވެ. ނޫކަށިފުރައިގެ ޒުވާނުންނެވެ. ބޭރަށް ނުނިކުމެ ގޭގެ ބަލި އެނދުގައި އޮތް ކާފަ އާއި މާމަޔަށް އަދި ލޮބުވެތި މަންމަ އާއި ބައްޕައާ ހަމަޔަށް ކޮވިޑު އުފުލައިދޭ ސަވާރީއަކަށް ވެސް މިއަދު ވެފައި ވަނީ ޒުވާނުންނެވެ. މިއީ އެއްވެސް ހާލެއްގައި "އޯކޭ" ކަން ކަމެއް ނޫނެވެ.

ރާއްޖެއިން ބަލިޖެހުނު 60 އަހަރުން މަތީގެ މީހުން އަދަދު މިހާރު ވަނީ 350 އިން މައްޗަށް އަރައިފައެވެ. މަރުވި ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. މިއީ ކޮންމެވެސް މީހެއްގެ ކާފައެކެވެ. މާމައެކެވެ. މަންމައެއް ނޫނީ ބައްޕައެކެވެ. ނުވަތަ އެއްބަނޑު ތިމާގެ މީހެކެވެ. އެހެންކަމުން ކޮވިޑު ފެތުރޭނެ ގޮތަކަށް ފެތުރޭން ދޫކޮށްލައިގެން ތިބެ އިތުރު އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ބަލާން ތިބުން އެއްގޮތަކަށް ވެސް "އޯކޭއެއް" ނޫނެވެ.

ސްކޫލުތައް ނުހުޅުވި ދަރިވަރުން ގޭގައި ތިބެން ޖެހުމުން އެކުދިންނަށް ވަމުން ދާ ގޮތް ވިސްނައިލަމާތޯއެވެ. ސްކޫލު މާހައުލުން ދަސްވާ އެތައް ކަމަކުން އެކުދިން އެތިބީ މަހުރޫމްވެފައެވެ. ގިނަ ކުދިންނަށް އޮންލައިންކޮށް ކިޔެވުމަކީ ދަތިކަމެކެވެ. ގޮންޖެހުން އިންތިހާއެވެ. ގޭތެރޭގެ މާހައުލުގެ ސަބަބުން ކިޔެވުމަށް އުނދަގޫވާ ކުދިން ގިނައެވެ. ކިޔަވާ ކުދީންގެ ހަޔާތުން އަހަރެއް ގެއްލުނީ ކަމަށް ބުނުމަކީ ގޯހެއް ނޫނެވެ. ކޮވިޑާ ގުޅިގެން ގެއިން ބޭރަށް ނުދެވި ތިބި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ މެދު ވިސްނާލިންތޯއެވެ. އެތައް ހާސް ބަޔަކު ގޭބަންދުގައި ތިބޭތާ ހަ މަސް ވަނީއެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ނަފްސާނީ ގޮތުން ބަލިވެއްޖެއެވެ. ޑިޕްރެޝަންއަށް ވެއްޓިއްޖެއެވެ. ނަފުސާނީ ބަލި މީހުންގެ ބަލީގެ ހާލަތު ގޯސްވެއްޖެ އެވެ. މި ހާލަތު ދެމިގެންދަންޏާ ދެން ވާނެ ގޮތެއް ނޭނގެ އެވެ. އެހެން ކަމުން ފަރުވާކުޑަކޮށްލުން "އޯކޭއެއް" ނޫނެވެ.

ވަށައިޖަހަމުން މިދިޔަ އާންމު ދިރިއުޅުމުން ބޭރަށް ޖެހިލަމާ ހިނގާށެވެ. ގައުމުގެ ވާހަކައެވެ. ކޮވިޑާ އެކު ޓޫރިޒަމް ހުއްޓުނީ އެވެ. ރިސޯޓްތައް ބަންދު ކުރީ އެވެ. ވިޔަފާރިތައް އިނދަޖެހުނީ އެވެ. ބަނގުރޫޓުވީއެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރަން މަޖުބޫރުވީއެވެ. މުސާރަ ކުޑަކޮށް އަތާއި އަނގަޔާ ދިމާނުވީއެވެ. ގޭ ކުލި ނުދެއްކި އެތައް ބަޔަކު ބިކަވެ، އާއިލާތައް އެކީ މަގުމަތި ވީ އެވެ. އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރަމުން އައި ދިރިއުޅުން ދޫކޮށް ވީހާލެއްގައިވާން ރަށަށް ބަދަލުވާން މަޖުބޫރު ވީއެވެ.

ގައުމުގެ ލޮލުން އޮހެނީ ކަރުނަ އެވެ. ގައުމުގެ ހާލުގެ ދުލުން އެދި ގޮވަނީ މި ހާލަތުން ސަލާމަތް ކޮށްދިނުމަށެވެ. ގައުމުގެ ދަރީން ފަރުދީ ޒިންމާ އަދާކޮށްދިނުމަށެވެ. އެކަމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ޒުވާނުންގެ އަތްމަތީގަ އެވެ. އަމަލުތައް ބަދަލުކޮށް އާންމު ހާލަތަށް ގައުމު ގެނައުމުގެ ގައުމީ ވާޖިބު އެޅިފައި އޮތީ އަހަރެމެން އެންމެންގެ ކޮނޑުގައެވެ. މި ހާލަތުގައި ދިރިއެއް ނޫޅެވޭނެ އެވެ. މިހާލަތު ދެމިގެން ދާން ކެތެއް ނުކުރެވޭނެ އެވެ. މިއިން އެއްވެސް ހަގީގަތެއް ގަބޫލުނުކޮށް ބޭނުންހާ ގޮތަކަށް އުޅުން "އޯކޭއެއް" ނޫނެވެ.

އަހަރެންގެ ޒިންމާ އަހަރެން އަދާ ކުރާނަމެވެ. ތިބާ ވެސް ތިބާގެ ޒިންމާ އަދާކޮށްދެއްވާށެވެ. "އޯކޭ" ވާން ވީ ކޮވިޑުން ސަލާމަތްވާން ކުރަން ޖެހޭ ކަންކަމަށެވެ.