Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޕޯޗުގަލް މޮޅުވިއިރު، ރޮނާލްޑޯ އަށް އިތުރު ރެކޯޑެއް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑެންގެ މައްޗަށް 2-0 އިން ޕޯޗުގަލް ކުރި ހޯދިއިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ރެކޯޑެއް ހަދައިފިއެވެ.

ސްވިޑެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޕޯޗުގަލް އިން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ފަހު މިނެޓްގައެވެ. އެގޮތުން ޕޯޗުގަލް އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ.

މިއީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލު ކަމަށްވާއިރު މި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ގައުމީ ޓީމަށް 100 ގޯލު ކާމިޔާބުކޮށްދިން ޔޫރަޕްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ގައުމީ ޓީމަށް 101 ގޯލު ރޮނާލްޑޯ މިހާތަނަށް ކާމިޔާބުކޮށްދީފައިވާއިރު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ އީރާން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ 109 ގޯލު ހަމަކޮށްގެންނެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރާންސް އިން ވަނީ 4-2 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދާފައެވެ. އިންގްލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބެލްޖިއަމް އިން ވަނީ 5-1 އިން އައިސްލޭންޑްގެ މައްޗަށް ކުރި ހޯދާފައެވެ.