Last Updated: July 2, 23:14
Thursday, July 3, 2025
ދުނިޔެ

ނޮބެލް ސުލްހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓްކޮށްފި

ދުނިޔޭގެ އަމާންކަމާއި ސުލްހައަށް ފާހަގަކޮށްލެވޭ މަސައްކަތް ކުރާ ފަރާތްތަކަށްދޭ ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކޮށްފިއެވެ.

އަންނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓު ކުރުމަށް ހުށަހަޅާފައިވަނީ ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ޓައިބްރިންގްއެވެ.

އެގޮތުން ސުލްހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓް ކުރަން ހުށަހެޅީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިނާމަށް މީގެކުރިން ނޮމިނޭޓް ވެފައިވާ އެހެން ހުރިހާ ފަރާތްތަކަކަށް ވުރެ ވެސް ބޮޑަށް ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރަން ޓްރަމްޕް މަސައްކަތް ކުރައްވާފައިވޭ" އިނާމު ދޭ ކޮމިޓީއަށް ކްރިސްޓިއަން ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.

މީގެކުރިން 2018 ވަނަ އަހަރު ވެސް މި އިނާމަށް ޓްރަމްޕް ނޮމިނޭޓް ކުރަން ވަނީ ހުށަހަޅާފައެވެ. ޓްރަމްޕް މީގެކުރިން ވަނީ ނޮބެލް ސުލްހައިގެ އިނާމަކީ އިންސާފުން ދޭ އިނާމެއް ނަމަ އޭނާ އަށް އިނާމު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި އިނާމަށް އެކި ފަރާތްތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ނޮމިނޭޓް ކުރާ ފަރާތްތަކާ މެދު މަޝްވަރާ ކުރުމަށްފަހު އިނާމަށް އެންމެ އެކަށޭނެ ފަރާތްތައް ޝޯޓް ލިސްޓު ކުރާނެއެވެ.