Last Updated: March 28, 13:11
Thursday, March 28, 2024
ކުޅިވަރު

5800 ދުވުންތެރިންނާއެކު އުރީދޫ އަތޮޅުން ދުވުން ބާއްވައިފި

އުރީދޫ އަތޮޅު ދުވުމުގެ ތެރެއިން - އުރީދޫ

ރާއްޖޭގެ ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން، 'އުރީދޫ އަތޮޅު ދުވުން' ކާމިޔާބުކަމާއެކު އުރީދޫ މޯލްޑިވްސް އިން ބާއްވައިފިއެވެ.

އުރީދޫން ބުނީ 28 އޮގަސްޓް އިން 31 އޯގަސްޓްގެ ނިޔަލަށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅުންނާއި ރާއްޖޭން ބޭރުން 5800 ދުވުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން ކަމަށާއި މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

"މި ފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއްއިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަމައެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައްބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ. މިއީވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަންޒަރަކަށްވެގެންދިޔަ." ނިޔާޒު ވިދާޅުވިއެވެ.

'އުރީދޫ އަތޮޅު ދުވުން' ވަރޗުއަލް ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުމެވެ.

28 އޯގަސްޓްގައި 'އުރީދޫ އަތޮޅު ދުވުން' ފެށުމާއި އެކު ދުވުމުގެ ތެރެއިން ނަގާފައިވާ އުފާވެރި ހިތްގައިމު މަންޒަރުތައް އަދި 5 ކިލޯމީޓަރު ހަމަކުރިކަމުގެ "ރަން ރޫޓް" ސްކްރީންޝޮޓްތަކާއި ވަރޗުއަލް މެޑަލް، ސޯޝަލް މީޑިއާގައި ދުވުމުގެ ބައިވެރިން ޝެއަރ ކުރަމުން ގެންދިޔައެވެ.

ދުވުން ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ އަތޮޅު ދުވުމުގެ ޕަރޓްނަރުންގެ ތެރެއިން ހެބިޓަސް ފްރެޝް، ދަ މެރަތަން ޝޮޕް އަދި މެޑްމެކްސް ބިސްޓްރޯ އާއި ގުޅިގެން ނަސީބުވެރި ފަރާތްތަކަށް ޚާއްޞަ އިނާމްތަކެއްވެސް އިއުލާންކޮށްފައެވެ.

އެގޮތުން ދުވުމަށް ރެޖިސްޓަރވުމުން ލިބޭ ވަރޗުއަލ ބިބް ސޯޝަލް މީޑިއާގައި ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތަކަށް އޮޕޯ އޭ1ކޭ ފޯނެއް، ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރި ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި ދުވުން ނިންމުމަށްފަހު، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރި ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މީގެއިތުރުން ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޙާއްޞަ އިނާމެއްގެ ގޮތުގައި ލިބޭނެއެވެ.

މި އިނާމު ތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.