Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އުރީދޫން ކެމްޕޭނެއް ފަށައިފި

"ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާރކެޓިންގް ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއާއި އެކު މި ކެމްޕޭންގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުން ބައިވެރިވެއެވެ. އުރީދޫން ބުނީ މި ކެންޕެއިންގައި ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ކެންޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ. މި ކެންޕެއިން ކުރިއަށްދާނީ ސެޕްޓެންބަރު 2020 އިން ފެށިގެން 2021 ގެ ކުރީކޮޅުގެ ނިޔަލަށެވެ.

މި ކެމްޕޭނުގެ ދަށުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯރކްގެ ކަސްޓަމަރުންނަށް، އުރީދޫ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާރޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާރ ކުރާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ކެމްޕޭނާއި ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ އުރީދޫން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިންގައި ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"މި ކެންޕެއިންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ، އަދި މީގެ ސަބަބުން ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ. ދިވެހި ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއްއަޅާފަ." ތޮއްޔިބު ވިދާޅުވިއެވެ.

އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން ވިދާޅުވީ، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ އުރީދޫ ބައިނަލްއަގުވާމީ ނެޓްވޯރކް މެދުވެރިކޮށް އަދި ލިބިފައިވާ އެހެނިހެން ވަސީލަތްތަކުގެ އެހީގައި އުރީދޫގެ ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކުރިއެރުން ހޯދައިދިނުމަށް. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން "ވިސިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ" ނަޖީބް ޙާން ވިދާޅުވިއެވެ.

ކޯވިޑް19 ޕެންޑޭމިކްގެ ސަބަބުން ދިމާވެފައިވާ މި ހާލަތާއި ގުޅިގެން، އެމްއެމްޕީއާރުސީން ވަނީ ހުރިހާ މާރކެޓިންގ ހަރަކާތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކޮށް، ޑެސްޓިނޭޝަން މާރކެޓިންގ ހަރަކާތްތައް ފުޅާކޮށްފައެވެ. މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުވަނީ އެންމެހާ ފަތުރުވެރިންނަށް ހުޅުވާލެވިފައެވެ.