Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

އެއް ދުވަސްތެރޭ އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ

އެއް ދުވަސްތެރޭ އެންމެ ގިނައިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރިޕޯޓުކުރި ގައުމަކަށް އިންޑިއާ ވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭ އެކަނި އެގައުމުން ވަނީ 96،551 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ މި ބަލީގައި މިހާތަނަށް ގައުމަކުން އެއް ދުވަހަކަށް ރިޕޯޓު ކުރި އެންމެ މަތީ އަދަދެވެ.

އަދި މިދިޔަ 24 ގަޑިއިރުތެރޭ މި ބަލީގައި އިންޑިއާ އިން ވަނީ އިތުރު 1209 މީހުން މަރުވެފައެވެ. ފާއިތުވި 10 ދުވަހު ވެސް އިންޑިއާ އިން ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މި އަދަދުތަކާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4.5 އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 76،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ގައުމެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުންދާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވިގެން ރިޕޯޓުކޮށްފައިވަނީ އިންޑިއާގެ ފަސް ސްޓޭޓަކުންނެވެ. އެއީ މަހާރަޝްތްރާ އާއި އަންދްރަ ޕްރަދޭޝް އާއި ޓެމިލް ނާޑޫ އާއި ކަރްނާޓަކާގެ އިތުރުން އުއްތަރް ޕްރަދޭޝް އިންނެވެ.