Last Updated: April 26, 22:31
Friday, April 26, 2024
ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 27 ގައި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 27 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި އޮންލައިން ވެބް އެޕްލިކޭޝަނެއް ކަމަށްވާ ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އެ ފަރާތްތަކަށް އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ނިންމާފައެވެ.

މީގެ އިތުރުން އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރުން ހޮވުމާއި އެފަރާތުގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ފީ އަށް ބަދަލު ގެނައުމާއި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަންކުރުމާއި އިންތިހާބުކުރުން އޮންނާނެ އެވެ.