Last Updated: April 25, 09:23
Thursday, April 25, 2024
ދުނިޔެ

އިސްރާއީލާ ބަހްރެއިނުން ގުޅުން ގާއިމްކުރަން އެއްބަސްވެއްޖެ

އިސްރާއީލާ ބަހްރެއިން އިން ގުޅުން ގާއިމްކުރަން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވީ ދެ ގައުމުގެ އިސްވެރިންނާ ފޯނުން ވާހަކަދެއްކެވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ގާއިމުކުރަން އެއްބަސްވެފައެވެ.

ޓްރަމްޕް ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށާއި އަރަބި އެހެން ގައުމުތައް ވެސް މިފަދަ ނިންމުންތައް ނިންމަވާނެ ކަމަށެވެ.

ޔޫއޭއީ އަދި ބަހްރެއިނުން ވެސް އިސްރާއީލާ ގުޅުން ގާއިމުކޮށްފައިމިވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. ބަހްރެއިން ވެގެން ގޮސްފައިވަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން އެގައުމާއެކު ގުޅުން ގާއިމުކުރި މެދުއިރުމަތީގެ އަރަބި ހަތަރުވަނަ ގައުމަށެވެ. މީގެކުރިން ޔޫއޭއީގެ އިތުރުން މިސްރާއި ޖޯޑަން އިން ވެސް ވަނީ މިފަދަ އެއްބަސްވުންތައް އެކުލަވާލާފައެވެ.

ބަހްރެއިންގެ މި ނިންމުމަށް އިސްރާއީލާ އެމެރިކާގެ އިސްވެރިން މަރުހަބާ ކިޔަމުންދާއިރު، ފަލަސްތީނުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.