Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވީ އަތްކޮއްޕާނެ ތިޖޫރިއެއް ނެތުމުން: ނިހާދު

އިދިކޮޅު ކޯލިޝަނުން ފަންޑު ފޮއްޓެއް ހުޅުވީ އަތްކޮއްޕާނެ ތިޖޫރިއެއް ނެތުމުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އިއްޔެ ހުޅުވި ފަންޑު ފޮއްޓަކީ ޖޫރިމަނާތައް ދެއްކުމަށްޓަކާ އާންމުންގެ އެދުމުގެ މަތިން ހުޅުވި ފަންޑު ފޮއްޓެކެވެ.

އެކަމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1000 ރުފިޔާ ނުދެއްކޭ ވަރުގެ އެކަކު ވެސް ޖޫރިމަނާކޮށްފައި ނުވާ ކަމަށާއި ފަންޑު ފޮށި ބެހެއްޓީ އާއްމު މެމްބަރުންގެ ޖީބު ކަނޑަން ކަމަށެވެ.

"އަތްކޮއްޕާނެ ތިޖޫރިއެއް ނެތީމަ އާއްމު މެމްބަރުންގެ ޖީބަށް. ދެވި ހިފައިފި ކަމެއް ކުރަން ކިތަންމެ ފަދަ ބޮޑު އޮޅުވާލުމެއް ވެސް އޮޅުވާލަފާނެ" ނިހާދު ވިދާޅުވިއެވެ.

އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވިއިރު ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެ ދެ ޕާޓީ ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ތަކުރާރުކޮށް ހިލާފުވުމާއި ގުޅިގެންނެވެ.

އަދި ދާދިފަހުން މާލޭގައި ބޭއްވި ސައިކަލު ބުރެއްގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ އިދިކޮޅު ކޯލިޝަނުގެ ބައެއް އިސްވެރިން ވަނީ ފުލުހަށް ހާޒިރުކޮށް 1000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ފަންޑު ފޮށި ހުޅުވާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.