Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއަކަށް ބަހްރެއިން ވެއްޖެ: އިރާން

މއިސްރާއީލުން ހިންގާ ޖަރީމާތަކުގެ ބައިވެރިއަކަށް ބަހްރެއިން ވެސް މިހާރު ވެފައިވާ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުން މިހެން ބުނެފައިމިވަނީ އިސްރާއީލާ ގުޅުން ގާއިމުކުރަން ބަހްރެއިނުން ވެސް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ގާއިމުކުރަން އެއްބަސްވެފައެވެ.

މިކަމާ ގުޅިގެން އިރާނުގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މީގެފަހުން ބަހްރެއިންގެ އިސްވެރިންނަކީ ވެސް އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ބައިވެރިން ކަމަށާއި އިސްރާއީލާ އަކީ މެދުއިރުމައްޗަށް ވެސް އަދި މުޅި އިސްލާމީ ދުނިޔެ އަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.

އަދި އިސްރާއީލާއެކު ބަހްރެއިނުން ވި "ލަދުވެތި" އެއްބަސްވުމަކީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބަށްޓަކާ ފަލަސްތީނަށްޓަކާ ކުރަމުން އައި މަސައްކަތް ގުރުބާން ކުރުން ކަމަށްވެސް އިރާނުން ވަނީ ސިފަކޮށްފައެވެ.

ޔޫއޭއީ އަދި ބަހްރެއިނުން ވެސް އިސްރާއީލާ ގުޅުން ގާއިމުކޮށްފައިމިވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. ބަހްރެއިން ވެގެން ގޮސްފައިވަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން އެގައުމާއެކު ގުޅުން ގާއިމުކުރި މެދުއިރުމަތީގެ އަރަބި ހަތަރުވަނަ ގައުމަށެވެ. މީގެކުރިން ޔޫއޭއީގެ އިތުރުން މިސްރާއި ޖޯޑަން އިން ވެސް ވަނީ މިފަދަ އެއްބަސްވުންތައް އެކުލަވާލާފައެވެ.

ޔޫއޭއީ އާއި ބަހްރެއިނުން އިސްރާއީލާ ގުޅުން ގާއިމުކުރަން ނިންމިއިރު، އަރަބި އިތުރު ގައުމުތަކުން ވެސް މިފަދަ ނިންމުންތައް ނިންމުމަށް އެމެރިކާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕްގެ ފިރިކަލުން ޖެރާޑް ކުޝްނާއެވެ.