Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހައްޔަރުކުރި މީހުން ދޫކޮށްލަން އިދިކޮޅުން ގޮވާލައިފި

އެއްވެސް ޝަރުތަކާ ނުލާ މިއަދު ޒުވާނުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދުގެ ޒުވާނުންގެ ސައިކަލު ބުރު ނުފެށެނީސް ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ފަރާތްތައް ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކުރި ކުރުން ކުށްވެރިކުރާ ކަމަށާއި މި ހަރާކަތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރޭވި ހަރަކާތެއް ކަމަށެވެ.

ނަމަވެސް ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރުކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނޭ ކަމަށާއި އެއްވެސް ޝަރުތަކާ ނުލާ އެމީހުން ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް ނުހުއްޓުވުމަށާއި ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވިއިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އަދި އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިއަދު ވަނީ ދީފައެވެ.